ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ރޭ ނިމިފައިވާ އިރު މުބާރާތް ފެށި 32 ޓީމުގެ ތެރެއިން މިހާރު ބާކީ އޮތީ 16 ޓީމެވެ. މިރޭ ނޮކްއައުޓް ސްޓޭޖް ފަށާ އިރު ދެން 0-0 ގެ ސްކޯލައިނެއް އެއްވެސް މެޗަކުން ނުފެންނާނެއެވެ. މިގޮތުން 90 މިނެޓް ހަމަވާ އިރު ދެޓީމުގެ ސްކޯ ހަމަހަމަ ނަމަ 15 މިނެޓްގެ ދެ ހާފް ކުޅެ ޕެނަލްޓީ ޖަހައިގެން ވެސް ނަތީޖާ ނެރޭނެއެވެ. އަދި ދެވަނަ ބުރުގެ 8 މެޗު ނިމޭ އިރު ކުއާޓާ ފައިނަލްގައި ކުޅޭނެ 8 ޓީމުގެ ވެސް އެނގިގެންދާނެއެވެ.
ރޭގަނޑު 8 ޖަހާ އިރު ނެދެލޭންޑްސާއި އެމެރިކާ
މިދެ ޓީމު ދެވަނަ ބުރަށް އައިސްފައި މިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. މިގޮތުން ގްރޫޕް ސްޓޭޖްގައި ނެދާލޭންޑްސްއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް ދެ މެޗުން އެއްވަރުވެފައިވާ އިރު އެޓީމު ގަދަ 16 އަށް އައި ގްރޫޕް އޭގެ އެއް ވަނަ ހޯދައިގެންނެވެ. އެއީ 9 ޕޮއިންޓްގެ ތެރެއިން 7 ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތުގައި މިހާތަނަށް ތިން ލަނޑު ޖެހި 5 ކުޅުންތެރިން ތިބި އިރު ނެދެލޭންސްގެ ފޯވަޑް ކޯޑީ ގެކްޕޯއަކީ މީގެ ތެރެއިން އެންމެ ޒުވާން އެއް ކުޅުންތެރިޔާއެވެ. އެޓީމުން މިހާތަނަށް ފަސް ލަނޑު ޖަހާފައިވާ އިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.
އެމެރިކާއަށް ބަލާ އިރު އެޓީމަކީ ވެސް އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރަށް ދަތުރުކުރި ޓީމެކެވެ. ނެދެލޭންޑްސް އެކޭ އެއް ގޮތަށް އެމެރިކާގެ ކޮޅަށް ވެސް އެންމެ ގޯލެއް ވަދެފައިވާ އިރު އެއީ ޕެނަލްޓީ އަކުން ވަތް ލަނޑެކެވެ. އެމެރިކާއިން ވަނީ ގްރޫޕްގެ ސްޓޭޖްގައި ދެ ލަނޑު ޖަހާފައެވެ. ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ އެމެރިކާއިން ވަނީ ދެ މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވެފައެވެ.
އެޓީމުން އެންމެ ފަހު ކުޅުނު މެޗުގައި އީރާނު ކޮޅަށް ލަނޑު ޖެހުމުގެ ތެރޭގައި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއަން ޕުލިސިކްއަށް އަނިޔާވި ނަމަވެސް މިރޭގެ މެޗަށް އޭނާއަށް އެރޭނެ ކަމަށް ޓީމުން ބުނެއެވެ.
ދަންވަރު 12 ޖަހާ އިރު އޮސްޓްރޭލިޔާ ނިކުންނާނީ އާޖެންޓީނާ ބަލިކުރަން
ދެވަނަ ބުރުގެ ދެ ވަނަ މެޗުގައި ވާދަ ކުރާ ދެ ޓީމަކީ ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ދެ ޓީމެވެ. އާޖެންޓީނާ ސައުދީ އަތުން ބަލިވި އިރު އޮސްޓްރޭލިޔާ ދަށްވީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުންނެވެ.
އެހެން ނަމަވެސް އާޖެންޓީނާ އަދި އޮސްޓްރޭލިޔާއިން ވެސް ވަނީ ދެން ގްރޫޕްގައި ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދައިގެން ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މިއީ އާޖެންޓީނާއަށް ފަސޭހަ ޓައި ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް ގަތަރު 2022 ގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތުން އެއްވެސް މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި ނުބެލުމަށް ޓީމުތަކަށް ވާނީ މިހާރު ދަސްވެފައެވެ.