ސްޕެއިންގައި މެޑްރިޑްގައި ހުންނަ ޔޫކްރައިން އެމްބަސީއަށް، ގޮވާ މެޓީރިއަލް އެއް ބޭނުންކޮށްގެން ހަދާފައި ހުރި ސިޓީ އުރަތަކެއް ފޮނުވި ތާ 3 ދުވަސް ނުވެ ޔޫރަޕްގެ އެތަން މިތާނގައި ހުންނަ އެމްބަސީތަކަށް ޖަނަވާރުތަކެއްގެ ލޯ ޕާރުސަލް ކޮށްފައި ފޮނުވައިފިއެވެ.

ޔޫކްރައިން ގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ ބުނީ، ޔޫރަޕްގެ 6 ގައުމެއްގައި ހުންނަ ޔޫކްރައިން އެމްބަސީތަކަށާއި ކޮންސިއުލޭޓް ތަކަށް މި ޕާރުސަލްތައް ލިބިފައި ވާ ކަމަށެވެ. އޮފިޝަލުންނާ ހަވާލާދީ އެ މީޑިއާއިން ބުނީ ޕާރުސަލްތަކުގައި ހުރީ ޖަނަވާރުގެ ލޯ ކަމަށެވެ.

ޔޫކްރައިންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އޯލޭ ނިކަލެންކޯ ފޭސްބްކްގައި ލިޔުއްވާފައި ވާގޮތުން، ހަންގޭރީ، ނެދަލޭންޑްސް، ޕޮލަންޑް، ކްރޮއޭޝިއާ އަދި އިޓަލީގައި ހުންނަ އެ ގައުމުގެ އެމްބަސީތަކާއި އިޓަލީގެ ނަޕްލޭސް އާއި ޕޮލަންޑްގެ ކްރަކޯވް އާއި، ޗެކްރިޕަބަލިކްގެ ބްރޫނޯގައި ހުންނަ ކޮންސިއުލޭޓް ތަކަށް އެ ޕާރުސަލްތައް ވަނީ ލިބިފައެވެ.

އޭނާަ އިތުރަށް ވިދާޅުވީ، މިހާރު އެ ކަން ބަލަމުން ދާ ކަމަށާއި ޕާރުސަލްތަކުގައި ޖަނަވާރުގެ ލޯ ފޮނުވާ، އެ ދިން މެސެޖަކީ ކޮބައިކަން ދެގެގަތުމަށް މަސައްކަތް ކުރާ ކަމަށެވެ.

ސްޕެއިންގެ މެޑްރިޑްގައި ހުންނަ އެމްބަސީއަށް ގޮވާ ޒާތުގެ މެޓީރިއަލުން ޕާރުސަލް ކޮށްފައި ހުރި ޕެކޭޖް ލިބުނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ޕާރުސަލް ހުޅުވުމާއެކު އެ ގޮވާ އެމްބަސީގެ މުވައްޒަފަކަށް އަނިޔާވި ކަމަށް ހަފްތާ ބަންދުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ބިރުދެއްކުމުގެ މި އަމަލުގެ ތުހުމަތު ޔޫކްރައިން އިން އަޅުވާފައި ވަނީ ރަޝިއާގެ ބޮލުގައެވެ. ނަމަވެސް ސްޕެއިންގައި ހުންނަ ރަޝިއާގެ އެމްބަސީން ވަނީ އެކަން ދޮގުކޮށް، ޓެރަރިޒަމަށް ހިތްވަރު ދޭ އެއްވެސް ކަމެއް ރަޝިއާއިން ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.