ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން ޖާމަނީ ކަޓައިފިއެވެ. މިއާ އެކު ޖާމަނީ މިވަނީ ޖެހި ޖެހިގެން ދެ ވޯލްޑްކަޕުން ގްރޫޕް ސްޓޭޖުން ކަޓާއެވެ.
މިރޭ އެޓީމުން ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗުގައި 4-2 އިން ކޮސްޓާރީކާ ބަލިކުރި ނަމަވެސް ޖަމާނީ މުބާރާތުން ކެޓީ ގްރޫޕްގައި ކުޅުނު އަނެއް މެޗުގެ ނަތީޖާގެ ސަބަބުންނެވެ. މިގޮތުން ޖަޕާނު ވަނީ 2-1 އިން ސްޕެއިން ބަލިކޮށް ގްރޫޕްގެ އެއްވަނަ ނަގާފައެވެ.
ކޮސްޓާރީކާއާ ދެކޮޅު ކުޅުމުގެ މެޗުގެ ފުރަތަމަ ހާފްގައި ގިނައިން ހަމާލާތައް އުފެއްދީ ޖާމަނީންނެވެ. މިގޮތުން އެޓީމުން ވަނީ މެޗުގެ 10 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ލީޑު އިތުރަށް ފުޅާ ކުރާނެ ފުރުސަތު ލިބުނު ނަމަވެސް ފުރަތަމަ ހާފް ނިމުނީ ޖާމަނީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. މިގޮތުން ކޮސްޓާރީކާއިން ފުލު ފުލުގަައި ދެ ލަނޑު ޖަހާ 2-1 ގެ ލީޑެއް ނެގި އިރު އެނަތީޖާއިން މެޗު ނިމުނު ނަމަ ޖާމަނީއާއެކު ސްޕެއިން ވެސް ކަޓާނެއެވެ. އެހެން ނަމަވެސް ކޮސްޓާރީކާގެ ސަޕޯޓަރުން ދެކެމުން އައި ހުވަފެނުގެ މައްޗަށް ފެން އެޅިގެން ދިޔައީ ދެވަނަ ހާފްގައި ޖާމަނީ އަށް ކުޅެން ނިކުތް ކައި ހަވޭޓްޒްގެ ލަނޑާއެކުއެވެ.
އަދި އެއަށް ފަހު ޖާމަނީ އިތުރު 2 ލަނޑު ޖެހި އިރު މެޗު ނިމުނީ 4-2 ގެ ސްކޯލައިނަކުންނެވެ. އެހެން ނަމަވެސް އަނެއް މެޗުގެ ނަތީޖާގެ ސަބަބުން ޖާމަނީ އަދި ކޮސްޓާރީކާ ވެސް މިވަނީ މުބާރާތުން ކަޓާފައެވެ.