ރާއްޖޭގައި މިވަގުތު ވެސް އެއިޑްސް ބަލި ޖެހިފައިވާ 22 މީހުން އެބަތިބި ކަމަށާއި، މިހާތަނަށް މިބަލީގައި 15 މީހަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އެއިޑްސްއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޑިސެމްބަރު 31، 2021 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު 39 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 33 ފިރިހެނުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް މިބަލީގައި 15 މީހުން މަރުވެފައި ވާއިރު މިވަގުތު 22 މީހުން ފަރުވާ ހޯދަމުން ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައިވެސް އެޗްއައިވީ އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އާއްމުކޮށް ހަދާ ސްކްރީނިން ޓެސްޓްގެ ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް އައިޖީއެމްއެޗްގައި ކޮންފާމޭޓަރީ ޓެސްޓް ހަދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބަލި ފެތުރޭ ގޮތްތައް
- ރައްކާތެރި ނޫންގޮތުގައި (ހުރަސް ބޭނުން ނުކޮށް) ޖިންސީ ގުޅުން ހިންގުން
- އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ބޭނުންކުރުން. މިގޮތުން ކަށިބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމުގައި، ނުވަތަ ޓެޓޫ ޖެހުން، ކަންފަތް ނުވަތަ ހަށިގަނޑުގެ އެހެން ތަނެއް ތޮރުފުން ނުވަތަ ސިއްހީ ހިދުމަތް ހޯދުމުގެ ތެރޭގައި އެކަކު ބޭނުންކޮށްފައިވާ ކަށި ބޭނުންކުރުން
- އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން
- އެޗްއައިވީ ހުރިތޯ ބެލުމަށް ޓެސްޓް ނުކޮށް ލޭ އެޅުން.
އެޗްއައިވީގެ ފަރުވާ
އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ތެރަޕީ (އޭއާރްޓީ) ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިގޮތުން 2004ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް ބަލިމީހުންނަށް ހިލޭ މިފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައި ވެސް އެޗްއައިވީ ވައިރަސް ހުރެދާނެ ކަމަށެވެ. އެޗްއައިވީ ހުރިކަން ދެނެގަނެވޭނީ އެޗްއައިވީއަށް ޓެސްޓްކޮށްގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި އާއްމުކޮށް މާބަނޑު ދުވަސްވަރުއާއި އެކި ސާޖަރީތަކުގެ ކުރިން، ލޭދިނުމުގެ ކުރިން އަދި ބޭރު މަސައްކަތްތެރިންގެ މެޑިކަލްގެ ތެރޭގައި އެޗްއައިވީއަށް ޓެސްޓްކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.