މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 40 މީހަކަށް އައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އޭޑްސް) ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭޑްސްއަކީ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ވައިރަސްގެ ޒަރިއްޔާއިންޖެހޭ ބައްޔެއް ކަމަށާއި ރާއްޖޭއިން އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުގައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 40 މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 6 އަންހެންނާއި 34 ފިރިހެނުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. އެޗްއައިވީއަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓް ކަމަށްވާއިރު 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިލޭ ދަނީ އެ ފަރުވާ ފޯރުކޮށްދެވެމުންނެވެ.

އެޗްއައިވީއަށް ޓެސްޓްކުރުމުގެ މުހިއްމުކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ ޓެސްޓްކޮށް، ބަލި ނެތްކަން އަމިއްލައަށް ޔަގީންކަން ހޯދުމަކީ މުހިއްމު ކަމެއް ކަމަށާއި ކާކުކަން ނޭނގޭގޮތަށް ވެސް ޓެސްޓްކޮށް ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ނުކުރެވޭނެ ކަމަށެވެ. އަދި ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިއްމު ކަމަށާއި މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްއައިވީއާ ބެހޭ އާންމު މައުލޫމާތު:

  • އެޗްއައިވީ އަކީ ރައްކާތެރިވެވޭ ބައްޔެއް.
  • އެޗްއައިވީއަށް ފަރުވާ ލިބެން ހުރޭ.
  • އެޗްއައިވީއަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެއް ނޫން.
  • ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ގަވާއިދުން ލިބިގަނެގެން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭނެ.
  • ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމުގައި ވިޔަސް، އޭނާއަށް އެޗްއައިވީ ޖެހިފައި ހުރެދާނެ.

ބަލި ފެތުރޭ ގޮތްތައް:

  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗްއައިވީ ޖެހުމުގެ ފުރުސަތު އޮވޭ.
  • ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެ.
  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެ.
  • އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން.

އެޗްއައިވީގެ ބަލި ނުފެތުރޭ ގޮތްތަކުގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް މަދިރީގެ ޒަރިއްޔާއިން އެޗްއައިވީ ނުފެތުރޭނެއެވެ. އެޗްއައިވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗްއައިވީ ނުފެތުރޭއިރު އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާހާނާއެއް ބޭނުން ކުރުމުން އެޗްއައިވީ ނުފެތުރޭނެއެވެ. އަދި އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެޗްއައިވީ ނުފެތުރޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްއައިވީ އިން ރައްކާތެރިވެވޭނެ ގޮތްތައް:

  • އެޗްއައިވީ ޖެހިފަ ނުވާ، ވަފާތެރި އެއް ބައިވެރިއަކާއެކު ޖިންސީ ގުޅުން ހިންގުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވޭނެ.
  • ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުން.
  • އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން.
  • ސިއްހީ ހިދުމަތްތެރިންގެ ލަފާގެ މަތިން އެޗްއައިވީއިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން.
  • މާބަނޑު ދުވަސްވަރު ދުރާލާ އެޗްއައިވީއަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުމުން ރައްކާތެރި ކުރެވޭ.

އެޗްޕީއޭއިން ބުނީ މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "”Let Communities lead" ކަމަށްވާއިރު އެ ޝިއާރުގެ މަގްސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުން ކަމަށެވެ.