އަމާޒަކީ މައިމީހާގެ ފަރާތުން އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރައްޖެ ހެދުންކަމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެއިޑްސް ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ތިން ގައިޑްލައިނެއް އިފްތިތާހުކުރެވުމަކީ ސިއްހީ ދާއިރާއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި އެފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ނިޒާމުގެ ތެރެއިން ދެމުންގެންދާކަން ސިއްހީ ދާއިރާއިން ކަށަވަރުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުން އަންނަ އަހަރު ނިމުމުގެ ކުރިން އެކަން ހާސިލުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިއްހީ ސިޔާސަތު ބައްޓަންވެފައިވަނީ ބަލިމަޑުކަމުން ރައްކާތެރިވެ، އެއް މުޖުތަމައުއަކަށް ހެދުމަށް ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް، ކޮންމެހެން ބޭސްފަރުވާ ބޭނުންވާ ހާލަތްތަކުގައި ބޭސްފަރުވާ ލިބެންޖެހޭނެ ނިޒާމެއް ކަށަވަރުވާނެ އުސޫލުން ކަންކަން ބައްޓަން ކުރަމުން ގެންދިއުމަކީ ރައީސްގެ އަމާޒެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުގެ ސިއްހީ ސިޔާސަތު ވަރަށް ބޮޑަށް ބައްޓަން ކުރެވިފައިވަނީ "ތިންކް ޓެކްނިކަލީ އެންޑް އެކްޓް ޕޮލިޓިކަލީ" މި ވިސްނުމުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.