ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަން އަތުލި ފަހުން ދޭތެރެ ދޭތެރެއިން ދޭ ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވަމުން ދާއިރު އުތުރުގެ ރަށެއްގެ ސްކޫލެއްގައި ބޮމެއް ގޮއްވާލައި 15 ކުދިން މަރާލައިފިއެވެ.

އަފްގާނިސްތާނުގެ ސަމަންގަން ޕްރޮވިންސްގައި ހުރި ދީނީ މަދަރުސާ (ސްކޫލެއް) ގައި ބޮން ގޮއްވާލި އިރު ތިބީ ސީދާ ކިތައް ދަރިވަރުން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އިތުރު 20 މީހަކު ޒަހަމްވި ކަމަށާއި މިހާދިސާ ހިނގީ ސަމަންގަންގެ ވެރިރަށް އޭބަކްގައި ހުންނަ ޖަހުދިޔާ މަދަރުސާގައި ކަމަށް އެސަރަހައްދަށް ތޯލިބާނުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން އިމްދާދުއްﷲ މުހާޖިރް ވިދާޅުވެއެވެ.

ސަރަހައްދީ ސަރުކާރުގެ ދާހިލީ ވަޒީރު އަބްދުއް ނަފީ ތަކޯރު ވިދާޅުވީ، އެ މަދަރުސާ އަކީ ގިނަ އަދަދެއްގެ ފިރިހެން ދަރިވަރުން ކިޔަވަމުން ދާ މަދަރުސާއެއް ކަމަށާއި، މިހާތަނަށް ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައި ނުވިނަމަވެސް، އެ އުދުވާން ހިންގި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ތޯލިބާނުން ވެރިކަމަށް އައި ފަހުން އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ހިންގި ބޮން ގޮއްވުމުގެ ހަމަލާ ތަކާއި، އެނޫންވެސް އެފަދަ ބައެއް ހަމަލާތަކުގެ ޒިންމާ އައިސިލް (އައިސިސް) ޖަމާއަތުން އުފުލާފައި ވެއެވެ. އަދި އެފަދަ ގިނަ ހަމަލާތަކުގެ ޒިންމާ އެ ޖަމާއަތުން އުފުލާފައިވެސް ވެއެވެ.

ހުސްވި ސެމްޓެމްބަރު މަގު ގިނަ އަދަދެއްގެ ދަރިވަރުންނާއި އިމްތިހާނު އޮބްޒާވް ކުރާ އޮފިޝަލުން ހޯލެއްގައި ތިއްބާ ޖާނު ގޮއްވާލައިގެން މީހަކު ވަނީ ބޮމުގެ ހަމަލާއެއް ދީ 54 މީހަކު މަރާލާފައެވެ. ތޯލިބާނުން ވެރިކަމަށް އައުމުގެ ކުރިން މިދިޔަ އަހަރުގެ މެއި މަހުވެސް މިފަދަ ބޮމުގެ 3 ހަމަލާއެއް ދީ 85 މީހަކު މަރާލިއެވެ. އެ ހަމަލާ އާއި މިހާރު ދޭ ހަމަލާތަކުގެ ޒިންމާ، ތޯލިބާނުން އަޅުވަނީ އައިސިލް ގެ ބޮލުގައެވެ.