ގަތަރުގައި މިހާރު ހިނަގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ޓީމުތައް ހޮޮވެމުންދާ އިރު މިރޭ މުބާރާތުގެ ގްރޫޕް ސީ އަދި ގްރޫޕް ޑީން ދެވަނަ ބުރަށް ދާނެ ހަތަރު ޓީމެއް ކަނޑައެޅިގެންދާނެއެވެ.
ރޭގަނޑު 8 ޖަހާ އިރު ގްރޫޕް ޑީގެ ދެމެޗު
ގްރީޕް ޑީގައި ހިމެނޭ ފްރާންސް އެންމެ ފަހުން ކުޅުނު މެޗު ނިމުމާއެކު ދެވަނަ ބުރަށް ގޮސްފައިވާ އިރު މި ގްރޫޕުން ދެން ދެވަނަ ބުރަށް ދިއުމުގެ އެންމެ ރަނގަޅު ޗާންސެއް އޮތީ އޮސްޓްރޭލިޔާ އަދި ޑެންމާކަށެވެ. ދެން އޮތް ޓީމު ޓިއުނީޝިއާ ދެވަނަ ބުރަށް ދާން ކުރަން ޖެހޭ މަސައްކަތް ބުރައެވެ.
މިރޭ ޓިއުނީޝީއާއިން ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އަދި ގްރޫޕްގެ އެއްވަނައިގައި އޮތް ފްރާންސާއި ދެކޮޅަށެވެ. ޓިއުނިޝީއާއިން ފުރަތަމަ ކުޅުނު ދެމެދުގެ ތެރެއިން އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ދަށްވެފައިވާ އިރު އެޓީމަށް މިމުބާރާތުގައި އަދި ގޯލެއް ނުޖެހެއެވެ. އެހެން ނަމަވެސް މިރޭ ފްރާންސް ބަލިކޮށްގެން ވެސް ޓިއުނީޝިއާއަށް ކުރިއަށް ދެވެން އޮތް އިރު ގްރޫޕްގައި ކުޅޭ އަނެއް މެޗު ޖެހޭނީ އެއްވަރުވާންށެވެ. ފްރާންސް ދެވަނަ ބުރަށް ގޮސްފައި އޮތް ނަމަވެސް މުބާރާތުގައި ކުޅުނު ތިން މެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނަ ކަށަވަރުކުރަން އެޓީމުން ބޭނުންވާނެއެވެ.
ޑެންމާކްއާ އޮސްޓްރޭލިޔާއަށް ބަލާ އިރު މިތަނުން ފުރުސަތު ބޮޑީ އޮސްޓްރޭލިޔާއަށެވެ. ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައި އޮތް އިރު މިމެޗުން އެއްވަރުވެގެން ވެސް އޮސްޓްރޭލިޔާއަށް ކުރިއަށް ދެވިދާނެއެވެ. އެހެން ނަމަވެސް ޓިއުނީޝިއާ ފްރާންސް ބަލިކޮށްފިނަމަ އޮސްޓްރޭލިޔާއަށް ކުރިއަށް ދެވޭނީ ޑެންމާކް ކޮޅަށް މަދުވެގެން ދެ ލަނޑު ޖަހައިގެންނެވެ. އެޓީމަށް ދެމެޗުގައި ޖެހުނީ ދެލަނޑެވެ.
މިއާ ހިލާފަށް މިރޭ އޮސްޓްރޭލިޔާ ބަލިނުކޮށް ޑެންމާކަށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ދަންވަރު 12 ޖަހާ އިރު ގްރޫޕް ސީގެ ފޯރިގަދަ ނިމުން
ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތަކަށް ދިޔަ އިރު މި ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމެއް އަދި ވެސް ބުނަން ނޭނގެއެވެ. މިގޮތުން، ކުރިއަށް ދިއުމުގެ ޗާންސް ޕޮލެންޑް، އާޖެންޓީނާ، އަދި ސައުދީ އަރަބިއްޔާއަށް ވެސް އެބައޮތެވެ. މެކްސިކޯއަށް ވެސް ހަނި ފުރުސަތެއް އޮތް އިރު އެޓީމުގެ ޗާންސް އޮތީ އާޖެންޓީނާއާއި ޕޯލެންޑް ކުޅޭ މެޗާ ގުޅިފައެވެ. މިގޮތުން މެކްސިކޯއަށް ކުރިއަށް ދެވެން އޮތީ ސައުދީއާ ވަދާ ކުރާ މެޗުން މޮޅުވެ އަނެއް މެޗުން ޕޮލެންޑް އަދި އާޖެންޓީނާގެ ތެރެއިން ކޮންމެ ވެސް އެއް ޓީމެއް މޮޅުވެގެންނެވެ.
ދެވަނަ ބުރަށް ދިއުމަށް ސައުދީން ޖެހޭނީ މެކްސިކޯ ބަލިކުރާށެވެ. އަނެއް މެޗުގެ ނަތީޖާއަށް ބަލާ ނަމަ ޕޮއިންޓެއް ހޯދައިގެން ވެސް ސައުދީއަށް މުބާރާތުގައި ކުރިއަށް ދެވޭނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާއިން ބަލިވި ނަމަވެސް ކުޅުނު ދެވަނަ މެޗުން އެޓީމުން ވަނީ މޮޅުވެފައެވެ. އެހެން ނަމަވެސް، މިރޭ ޕޯލެންޑާއި ދެކޮޅަށް ކުޅޭ މެޗަކީ ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗެކެވެ. ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް ޕޮލެންޑަށް މިމެޗުން މޮޅުވުން މުހިއްމު ވަނީ މޮޅުވެގެން ގްރޫޕްގެ އެއްވަނަ ކަށަވަރުވާނެތީއެވެ. އާޖެންޓީނާ އަތުން ޕޮއިންޓެއް ހޯދައިގެން ގްރޫޕްގެ ދެވަނަ ލިބުން އެކަށީގެންވާ އިރު ދެވަނަ ބުރުގައި ގްރޫޕް ސީގެ ދެވަނަ ޓީމު ވާދަކުރަން ޖެހޭނީ ގްރޫޕް ޑީގެ އެއްވަނަ ޓީމާއެވެ. މިވަގުތު ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ ފްރާންސެވެ.
އިއްޔެގެ ނަތީޖާތައް
ރޭ 8 ޖެހި އިރު އަދި 12 ޖެހި ޖުމްލަ 4 މެޗު ކުޅެފައިވާ އިރު ދެވަނަ ބުރުގެ ދެ މެޗެއްގައި ވާދަ ކުރާނެ ޓީމުތައް މިވަނީ ކަނޑައެޅިފައެވެ. މިގޮތުން ގްރޫޕް އޭގެ އެއްވަނަ ނެދެލޭންޑްސް ދެވަނަ ބުރުގައި ވާދަ ކުރާނީ ގްރޫޕް ބީގެ ދެވަނަ އެމެރިކާއާއެވެ. އެމެރިކާ ދެވަނަ ބުރަށް ދިޔައީ އީރާނު ކަނޓުވާލުމަށް ފަހުއެވެ.
ގްރޫޕް އޭއިން އެކުއަޑޯ ކަޓުވާލާ ގްރޫޕްގެ ދެވަނަ ގޮތުގައި ދެވަނަ ބުރަށް ދިޔަ ސެނެގާލް ވާދަ ކުރަން ޖެހެނީ ގްރޫޕް ބީގެ އެއްވަނަ އިންގްލޭންޑާއެވެ.