ސަމަރުބުލޫ އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.

އިބްރާހިމް މަނިކު އަވަހާރަވީ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އިބްރާހިމް މަނިކަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ކަމަށް ވާއިރު ރާއްޖޭގެ ބްރޯޑްކާސްޓިން ހިދުމަތް، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ އަޑު ތަރައްގީ ކުރެއްވުމުގައި އޭނާ ވަނީ އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.

"ގިތެޔޮގުޅިން ނެގި ލޯބި"، "ނެގި ގާގަނޑު،" ފަދަ ރޭޑިއޯ ޑްރާމާތަކުން އެހުންތެރިންގެ ލޯބި ހޯއްދެވި އިބްރާހިމް މަނިކަށް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ހަފްލާގައި ލައިފްޓައިމް އެެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންފައެވެ.

2006 އަހަރު ޔޫތު މިނިސްޓްރީއާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން 32 އަހަރު އިބްރާހީމް މަނިކު ވަނީ މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓިން ދާއިރާއަށް ހިދުމަތް ކުރައްވާފައެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އިބްރާހިމް މަނިކު ޓީވީއެމްގެ ވެރިޔާގެ މަގާމު ވެސް ފުރުއްވިއެވެ.

ވަޒީރެއްގެ ގޮތުގައި 15 އަހަރު ވަންދެން އިބްރާހިމް މަނިކު ވަނީ ގައުމަށް ހިދުމަތް ކޮށްދެއްވާފައެވެ.

ހިދުމަތްތައް:

  • އިންފޮމޭޝަން އެންޑް ކަލްޗާ މިނިސްޓަރުކަން - ނޮވެންބަރު 11، 1993 އިން ނޮވެންބަރު 6، 1996 އަށް
  • އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ މިނިސްޓަރުކަން - ނޮވެންބަރު 6، 1996 އިން ސެޕުޓެންބަރު 13، 1996 އަށް
  • ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން - ސެޕުޓެންބަރު 13، 1996 އިން ޖުލައި 14، 2005 އަށް
  • ވަޒީރުންގެ ފެންވަރުގައި ކޮމިއުނިޓީ އޯގަނަައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަން - ޖުލައި 14، 2005 އިން ނޮވެންބަރު 11، 2008 އަށް
  • ރައްޔިތުންގެ މަޖިލިސްގެ ތިލަދުންމަތީ އުތުރުބުރީގެ މެންބަރުކަން -2000 އިން 2010 އަށް
  • ޑެޕިއުޓީ ޑިރެކްޓަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެއަޑުގެ ވެރިޔާ ކަން 1980 - 1989 އަށް
  • ޑިރެކްޓާ ޖެނެރަލް އޮފް ބްރޯޑްކާސްޓިން - 1989 އިން 1993 އަށް
  • ދިވެހިރާއްޖޭގެ ބުރޯޑުކާސްޓުގެ ދާއިރާގެ އެންމެ ހިދުމަތްތެރި ތަޖުރިބާކާރު އަދި އިސްވެރިޔާ - 1980 އިން 2004 އަށް

އިބްރާހިމް މަނިކުގެ އެންމެބޮޑު ގަައުމީ ހިދުމަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެއަޑުގެ ހިދުމަތްތައް ފާހަގަ ކޮށްލެވޭ އިރު މުޅި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ވަގުތުން ވަގުތަށް ހިދުމަތް ލިބެންފެށި ފުރަތަމަ މީޑިއާއަކީ ވެސް އިބްރާހިމް މަނިކު ވެރިއަކަށް ހުންނެވި އަޑެވެ.