ގެއްލުމުގެ ބަދަލު ދެވޭނެ އުސޫލެއް ކަނޑައަޅައި އެއަށް އަމަލުކުރަން ފަށައިފިއެވެ.
ރައީސް އޮފީހުގެ އެކުލަވާލި އެ އުސޫލުގައި ވާގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުއާމަލާތް ތަކަށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން، އޮގަސްޓު 7، 2008 އިން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހާ ދެމެދު، އުފެދިފައިވާ މައްސަލަތަކަށް ބަދަލު ނަގައި ދޭނެއެވެ.
ނަމަވެސް އެއީ އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމާއި އެއްބަސްވުމާ ހިލާފުމާއި ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލުކޮށްފައިވާ ނަމައެވެ.
މި އާ އުސޫލަށް އަމަލުކުރަން ފަށާ އިރު، އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް، ކަމާބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، ބަދަލު ބޭނުންވާ ނަމަ އުސޫލަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ހުށަހަޅަންޖެހޭނެއެެވެ.
އަދި އުސޫލުގައިވާ ގޮތުން އެފަދަ މައްސަލައެއް ހައްލު ކުރުމަށް ކޮމެޓީއެއް އުފައްދަން ޖެހޭނެއެވެ. އެ ކޮމެޓީގައި ރައީސް އޮފީހުން ކަނޑައަޅާ މީހެއްގެ އިތުރުން ކަމާބެހޭ މިނިސްޓްރީތަކުން، ކޮންމެ މިނިސްޓްރީއަކުން ކަނޑައަޅާ މީހަކު ހިމެނޭނެއެވެ.
މީގެ އިތުރުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވޭނެ ހާލަތްތައް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާތިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮތުން ހިމެނެއެވެ.
މީގެ އިތުރުން މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލު ގެ އަދަދު، މައްސަލަ ހައްލުކުރުމުގައި ދެވޭ އަދަދަށްވުރެ ބޮޑުވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި ނުވަތަ މައްސަލައެއް ހައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުން ކަމަށް ގަބޫލުކުރެވޭނަމަ ވެސް ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވިދާނެ ކަމަށް އުސޫލުގައި ބުނެއެވެ.
ބަދަލު ދެވޭނެ އުސޫލުގެ ދަށުން މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަން ޖެހެއެވެ. ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ކުރުމަށްފަހު ގާނޫނުތަކާއި ހިލާފަށް ބޭއިންސާފުން އަމަލުކޮށްފައިވާނަމަ އެފަދަ މައްސަލައެއް ބަލައި އެކަމާއި ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެމައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ފާހަގަވެއްޖެނަމަ ކޯޓުން ބޭރުންވެސް މައްސަލަ ހައްލު ކުރެވިދާނެކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި މިފަދަ މައްސަލައެއް ބެލުމަށް ހުށަހަޅާ މިނިސްޓްރީއަކުން 90 ދުވަހުގެ ތެރޭގައި އެމައްސަލައެއް ބަލައި ކޮމެޓީއަށް ފޮނުވަން ޖެހޭ ކަމަށް އުސޫލުގައި ބުނެއެވެ.