މިދިޔަ ޑިސެމްބަރު މަހު އަތުލައިގެން 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު މުޖާހިދު ދޫކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި, ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކޮށް ގދ. ހޯނޑެއްދޫ, އަލޯރާ އަހްމަދު މުޖާހިދު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް, ނޮވެންބަރު 23، 2022 ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އުމުރުން 29 އަހަރުގެ އަހްމަދު މުޖާހިދު ދޫކޮށްލާފައި ވަނީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީ ޝަރުތުތަކާއެކު ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ. އެގޮތުން ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމާއި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމާއި ދައުލަތުގެ ހެކިންނާ މުއާސަލާތު އަދި މުއާމަލާތް ނުކުރުމުގެ އިތުރުން ހެއްކަށް ނުފޫޒު ނުފޯރުވަށް އަންގާފައި ވެއެވެ.

އެ މައްސަލާގައި ޝަރީއަތް ނިމެންދެން 3 މީހަކު ބަންދުކޮށްފައި ވާއިރު މުޖާހިދުގެ އިތުރުން ދެން ހިމެނެނީ ހަމަ އެ ރަށު ގުލޭނޫރަންމާގެ އުމުރުން 52 އަހަރުގެ އަލީ ޒުބައިރު އާއި އިރުމަތީގެ، އުމރުން 25 އަހަރުގެ އަހްމަދު ސުނައިނެވެ.

އެ ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް މީގެ ކުރިން ދައުލަތުގެ ވަކީލުން ބުނެފައި ވާއިރު މަސްތުވާތަކެތި އެޅުމަށް ދަބަހާއި ފޮށިގަނޑުތައް ގަތުމަށް ސުނައިނާއި ޒުބައިރު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ހުރި ކަމަށް ދައުލަތުގެ ވަކީލު ފާހަގަ ކުރިއެވެ. އަދި މުޖާހިދުއާ ގުޅޭ ލިޔުންތަކެއް ފެނިފައިވާ ކަމަށާއި މަސްތުވާތަކެތި ހުރި ކާރުގައި މުޖާހިދު ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަސް މީހަކު ތިބި ނަމަވެސް، ފުލުހުން ހައްޔަރު ކުރީ ތިން މީހުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހަރަކާތްތެރިވި، ގދ. ހޯނޑެއްދޫ، އަލޯރާ، އުމުރުން 26 އަހަރުގެ އަރުޝަދު ހާލިދާއި، ގދ. ހޯޑެއްދޫ، ދޯދި، އުމުރުން 31 އަހަރުގެ މުހައްމަދު އަކްރަމް އަބްދުލްހަންނާން ފުލުހުން ހައްޔަރެއް ނުކުރެއެވެ. އެއަށް ފަހު ދެ ފަހަރެއްގެ މަތިން އަރުޝަދު ހައްޔަރުކުރި ނަމަވެސް ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެއެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.