ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުފާވެރި އާއިލާއެއް ބިނާކުރުމުގައި އޮތް ހުރަސްތައް ނައްތާލުމަށް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަން އަދި އާ ވީޑިއޯ ލަވަ އިފްތިތާހުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމައުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި އާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ކަމަށެވެ.
ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި 6 މަސްދުވަހުގެ މެޓާނިޓީ ލީވް މަންމައަށް އަދި އެއްމަސް ދުވަހުގެ ޕެޓާނިޓީލީވް ބައްޕައަށް ހަމަޖައްސައިދީފައިވާ ކަމަށާއި މަސައްކަތު މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖްތައް ގާއިމް ކުރެވޭނެ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި އާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށާއި އެގޮތުން ނިމި ދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.