ކުޑަ ޖަޒީރާ ގައުމަކަށްވުމާއެކު ތަފަތު ޖިއޮގްރަފީ އާއި އިގްތިސޯދީ ސަބަބުތައް އެކުލެވިގެންވާ ގައުމަކަށް ވުމުން މިހާރު ކުރިމަތިވެފައިވާ މޫސުމީ ކާރިސަގެ ނުރައްކާ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ ވިދާޅުވީ ދިރިއުޅުން ބިނާވެފައި ވަނީ އާކިޕެލަގޯގެ މުރަކަ ފަރުތަކާއި ގޮނޑުދޮށުގެ މާހައުލަށް ކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިގްތިސޯދީ މައިގަނޑު އަސާސްތަކާއި ގައުމީ ވަންތަކަމާއި ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި އަދި އެ ހުރިހާ ކަމެއް ވެސް ކަނޑުގެ ވަސީލަތްތަކުގެ ވަށައިގެން ހިނގަމުންދާ ކަމަށެވެ.

މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގޮނޑުދޮށް ގިރުމުގެ ސަބަބުން ބިން ގެއްލުމާއި މުރަކަ ފަރުތައް ބްލީޗްވުން ފަދަ ގެއްލުންތައް ވެސް ފެންނަމުންދާ ކަމަށާއި ރާއްޖޭގެ ރަށްތަކަކީ ކަނޑުގެ ލޮނުގަނޑުން އެންމެ 1 މީޓަރު އުސް ރަށްތަކެއް ކަމަށާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އޮތް ނުރައްކަލެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިމާރާތްތަކާއި ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި އެހެނިހެން ކްރިޓިކަލް އިންފްރާސްޓްރަކްޗާ 50 ޕަސެންޓަށްވުރެ ގިނަ ތަންތަން ހުންނަނީ ގޮނޑުދޮށުގެ 100 މީޓަރުގެ ތެރޭގައި ކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އެކަމުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާއި ހާއްސަކޮށް ކުޑަކުދިންނާއި ރައްޔިތުން ނާޒުކުކަން އިތުރުވެގެންދާ ކަމަށެވެ.

ޝައުނާ ވިދާޅުވީ އެކަންކަމުގެ ސަބަބުން އިމަޖެންސީ ސަޕްލައި ފޯރުކޮށް ރެސްޕޮންސްތަކަށް ހަރަދުކުރަން ޖެހޭ މިންވަރު އިތުރުވެގެންދޭ ކަމަށާއި ފެންބޮޑުވުމުން ލިބޭ ގެއްލުންތަކަށް އެހީވާން ތައްޔާރުވުމާއި ބޯފެނުގެ އިމަރަޖެންސީ ސަޕްލައި ފޯރުކޮށްދިނުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ. އަދި ކޮޕް27 ގައި ލޮސް އެންޑް ޑެމޭޖް ފަންޑެއް ގާއިމްކުރުމަށް މިމަހުގެ ތެރޭގައި ނިންމުމާ ގުޅިގެން މޫސުމަށް ނުރައްކާވާ އެހެން ގައުމުތަކާއި ގުޅިގެން އެ ފަންޑު ހިންގުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.