އއ. މާޅޮހު ސްކޫލުގެ ދަރިވަރުންނަށް ބަޔޮލޮޖީ ކިޔަވައިދޭނީ ސްކޫލު ޕްރިންސިޕަލް ކަމަށާއި އަދި ކެމިސްޓްރީ ކިޔަވައިދޭނީ އައްޑޫގައި ހުރި ޓީޗަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއެކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބައިލޮޖީ އަދި ކެމިސްޓްރީ މާއްދާ ކިޔަވައިދޭނެ ވަގުތީ ޓީޗަރުން މިހާރު ހަމަޖައްސައި ދީފައި ވާ ކަމަށެވެ.

އެގޮތުން އެސްކޫލުގެ ދަރިވަރުންނަށް ކެމިސްޓްރީ ދެން ކިޔަވައިދޭނީ އޮންލައިންކޮށް އައްޑޫ ހައި ސްކޫލުގެ ޓީޗަރެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ބައިލޮޖީ ކިޔަވައިދޭނީ މާޅޮހު ސްކޫލުގެ ޕްރިންސިޕަލް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މާޅޮހު ސްކޫލުގެ ޕްރިންސިޕަލަކީ ބަޔޮލޮޖީ ޓީޗަރެއް ކަމަށް އޮފިޝަލް ފާހަގަ ކުރެއްވިއެވެ.

ކެމިސްޓްރީ އާއި ބައޮލޮޖީ ޓީޗަރުގެ މައްސަލައިގައި އއ. މާޅޮހު ސްކޫލްގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމި އިރު މާޅޮހު ސްކޫލްގެ ގްރޭޑް 9 ގެ ބެލެނިވެރިޔަކު "ދަ ޕްރެސް" އަށް ބުނީ، މި އޮގަސްޓް މަހުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން އައި އިރު، ކެމިސްޓްރީ އާއި ބައޮލޮޖީ ކިޔަވައިދޭނެ ޓީޗަރެއް ނެތް ކަމަށެވެ.

އަންނަ ހަފްތާގައި ޓާމް ޓެސްޓު އޮތް ނަމަވެސް، އެ މައްސަލައަށް ހައްްލެއް ލިބެންދެން ސްކޫލަކަށް ދަރިވަރުން ނުފޮނުވާނެ ކަމަށް، އެ ބެލެނިވެރިޔާ ބުންޏެވެ.

މި މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ބެލެނިވެރިން ސްކޫލްގެ އިސްވެރިންނާ އެކު މަޝްވަރާ ކުރި ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ. އަދި ބަޔޮލޮޖީ އާއި ކެމިސްޓްރީ، ކިޔަވައިދޭނެ ޓީޗަރަކު ހަމަޖެއްސީ އެތަކެއް ފަހަރަކު މިނިސްޓްރީ އާ ގުޅައިގެން ކަމަށް ވެސް، އޭނާ ބުންޏެވެ.

ބެލެނިވެރިޔާ ކިޔައިދިން ގޮތުގައި، އެ ދެ މާއްދާ ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ފޮނުވާފައި ވަނީ އެންމެ ޓީޗަރެކެވެ. އެކަމަކު އޭނާ ފިލައިގެން ދިޔައީ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.