މިދިޔަ ޖޫން މަހު އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލާފައިވާ އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ (21އ.) މަރާލި މައްސަލައިގައި ދައުލަތުން ހަތް މީހަކަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ޒަޔާން މަރާލި މައްސަލައިގައި:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދެ މީހަކަށް ކޮށްފައިވާ ކަމަށް
  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ އެހީތެރިވުމުގެ ކުށުގެ ދައުވާ ފަސް މީހަކަށް ކުރި ކަމަށް

އެ މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވާ ހަތް މީހުންނަކީ:

  • ޔައީޝް އަންވަރު، އައްޑޫ ހިތަދޫ / ކަދުރުމާގެ
  • އައިލިޝް އަލީ، އައްޑޫ ފޭދޫ / ފުފޫމާގެ
  • އަހްމަދު ޝުއާއު، އައްޑޫ ފޭދޫ / ދިރިމާގެ
  • އަހްމަދު ނަބީލް، އައްޑޫ ފޭދޫ / ސަންޝައިން
  • އަބްދުﷲ ނިޒާރު، އައްޑޫ ފޭދޫ / ކާމަރަނގަގެ
  • އަހްމަދު އަބްދުﷲ، އައްޑޫ ފޭދޫ / ކަރަންފޫގެ
  • އަބްދުﷲ ޝިޔާއު ރަޝީދު، އައްޑޫ ފޭދޫ / ދިރިމާގެ

އެ ދައުވާތަކުގެ އިތުރުން، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖެއް ބޭނުންކުރުމުގެ ދައުވާ ވެސް މި ހަތް މީހުންގެ މައްޗަށް ކުރިއެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅާފައިވާ ކަމަށް، ޕީޖީ އޮފީހުން ބުންޏެވެ.

ފޭދޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒަޔާން މަރުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ތޫނު އެއްޗެހިން ހަމަލާ ދީ ހިންގި އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ހިމެނޭ 10 މީހެއްގެ މައްޗަށް ވެސް ކުޑަކުދިން ލައްވައި ކުށް ކުރުމުގެ ދައުވާތައް ކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކަށް ދައުވާކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެން ތިބި ކުދިންނަށް ކޮށްފައި ވަނީ މީހަކު މެރުމުގައި އެހީތެރިވިކަމުގެ ދައުވާއެވެ.