ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ސްޕެއިން އަދި ޖާމަނީ ވާދަކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ގްރޫޕް ސްޓޭޖްގެ އެންމެ ވަރުގަދަ މެޗުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރި މެޗުގެ ފުރަތަމަ ހާފްގައި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ. އަދި ސްޕެއިންގެ ފޯވަޑް ޑެނީ އޮލްމޯ ޖެހި ބާރުގަދަ ޝޮޓް ޖާމަނީގެ ކީޕަރު މެނުއަލް ނޯޔާ ހުނަރުވެރިކަމާއެކު ސަލާމަތް ކުރި އިރު ހާފް ނިމިގެން ދިޔައީ 0-0 ގެ ސްކޯލައިނަކުންނެވެ.
ދެވަނަ ހާފްގައި ވެސް ދެ ޓީމުން ވެސް ވަރުގަދަ ކުޅުމެއް ދެއްކި އިރު މުޅި މެޗުގައި ސްޕެއިންއިން ޖާމަނީގެ ގޯލަށް އަމާޒުކޮށް 7 ޝޮޓް ފޮނުވާލި އިރު މީގެ ތެރެއިން ގޯލަށް ނުރައްކާ ކުރީ 3 ޝޮޓެވެ. ބަދަލުގައި ޖާމަނީ ވަނީ ސްޕެއިންގެ ގޯލަށް 11 ޝޮޓް ފޮނުވާލާފައެވެ. އަދި މީގެ ތެރެއިން 4 ޝޮޓެއް ގޯލަށް ނުރައްކާ ކުރި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްޕެއިންއިންނެވެ.
މެޗުގެ 62 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވަޑް އަލްވޯރާ މޮރާޓާއެވެ. މިއީ މި ވޯލްޑްކަޕްގައި މޮރާޓާ ޖެހި ތިން ވަނަ ލަނޑެވެ.
ސްޕެއިން ކުރީގައި އޮވެގެން މިމެޗު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ޖާމަނީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ނިކްލަސް ފުލްކްރަގްއެވެ. މެޗުން މޮޅުވާން ޖާމަނީ އަށް ރަނގަޅު ފުރުސަތެއް މެޗު ނިންމެން ދަނިކޮށް ލިބުނު ނަމަވެސް ފޯވަޑް ލީރޮއި ސާނޭއަށް އޭނާގެ ޝޮޓް ގޯލާ އަމާޒުކުރެވޭ ގޮތެއް ނުވިއެވެ.
1-1 އިން މިމެޗު ނިމުނު އިރު ދެ ޓީމަށް ވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ކޮސްޓާރީކާ އަތުން ޖަޕާނު ބަލިވުމުން ކޮސްޓާރީކާއަށް ވެސް 3 ޕޮއިންޓް ލިބިފައިވާ އިރު ދެވަނަ ބުރަށް ދާނެ ޓީމެއް އަދި ނޭނގެއެވެ. އެހެން ކަމުން ފުރަތަމަ މެޗުން ބަލިވި ޖާމަނީއަށް މިރޭގެ މެޗުން އެއްވަރުވެގެން ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.
ގްރޫޕްގެ އެންމެ ފަހު މެޗުގައި ސްޕެއިން އިން ޖަޕާނާ ދެކޮޅަށް ކުޅޭ އިރު ޖާމަނާނީ ވާދަކުރާނީ ކޮސްޓާރީކާއެވެ.