ގަތަރުގައި މިހާރު ހިނގަމުންދާ ވޯލްޑްކަޕް 2022 ގެ ގްރޫޕް އެފްގައި މިރޭ ކްރޮއޭޝިޔާއާއި ކެނެޑާ ވާދަކުރި ކުރި މެޗު 4-1 އަކުން ކްރޮއޭޝިޔާ ކަމިޔާބުކޮށްިފއެވެ. މިއާއެކު ކެނެޑާ މިވަނީ މިމުބާރާތުން ކަޓާފައެވެ. ކެނެޑާއަކީ މިމުބާރާތުން ކެޓި ދެވަނަ ޓީމެވެ. އަނެއް ޓީމަކީ މުބާރާތް ބާއްވާ ގަތަރެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކެނެޑާއިންނެވެ. މެޗުގެ ދެވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަލްފޮންސޯ ޑޭވީސްއެވެ.
މިލަނޑަށް ފަހު ވެސް ކެނެޑާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރޮއޭޝިޔާއިން ވަނީ އެޓީމުގެ ފެންވަރު ދައްކާލާފައެވެ.
މިގޮތުން މެޗުގެ 36 މިނެޓްގައި އެޓީމުގެ އެޑްރޭ ކްރެމަރިޗް ވަނީ ލަނޑެއް ނަގާ މެޗުގެ ސްކޯ އެއްވަރުކޮށްފައެވެ. އަދި އޭނގެ މިނެޓް ކޮޅެއް ފަހުން ކްރޮއޭޝިޔާގެ މާކޯ ލިވާޔާ ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާ ދީފައެވެ.
2-1 އިން ކްރޮއޭޝިޔާ ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިންމި އިރު ދެވަނަ ހާފްގައި އެޓީމުން ވަނީ އިތުރު ދެ ގޯލު ޖަހާ ސްކޯ 4-1 އަށް ހަދާފައެވެ. މީގެ ތެރެއިން ފުރަތަމަ ޖެހީ ކްރެމަރިޗެވެ. މިއީ އޭނާ މި މެޗުގައި ޖެހި ދެވަނަ ލަނޑެވެ. ކްރޮއޭޝިޔާގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް ލޯވޯ މާޔާއެވެ.
މި ނަތީޖާގެ ސަބަބުން ކެނެޑާ މުބާރާތުން ކެޓީ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ވެސް ބަލިވުމުންނެވެ. އަދި ގްރޫޕް ސްޓޭޖްގައި އިތުރަށް އެއް މެޗު ކުޅެން އެޓީމަށް އޮތް ނަމަވެސް އެމެޗުން މޮޅުވެގެން ވެސް އެޓީމަށް ލިބޭނީ ޖުމްލަ ތިން ޕޮއިންޓެވެ.
ގްރޫޕްގެ އެއްވަނަ އަދި ދެވަނައިގައި އޮތް ކްރޮއޭޝިޔާ އަދި މޮރޮކޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިން ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތީ ބެލްޖިއަމްއެވެ.