ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް އެފްގައި ބެލްޖިއަމްއާ މޮރޮކޯ ވާދަކުރި މެޗު 2-0 އިން މޮރޮކޯއިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިޔާ 0-0 ގެ ސްކޯލައިނެއްގައި ހިފެހެއްޓި މޮރޮކޯއިން ބެލްޖިއަމްއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި އިރު މެޗުގެ ފުރަތަމަ ހާފްގައި މޮރޮކޯއިން ލަނޑެއް ޖެހިއެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީ ވަނީ މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ބަލާ ސްކޯ އަލުން 0-0 އަކަށް ހަދާފައެވެ.
ދެވަނަ ހާފްގައި މޮރޮކޯއިން ކުޅުން އިތުރަށް ވަރުގަދަ ކުރި އިރު ދެވަނަ ހާފްގައި މޮރޮކޯގެ ކޯޗު ވަނީ ޓީމަށް މުހިންމު ބަދަލުތަކެއް ވެސް ގެނެސްފައެވެ.
ބެލްޖިއަމްގެ ޑިފެންސް ފޫއަޅުވާލާ މޮރޮކޯއަށް ލީޑު ނަގާ ދިނީ ވެސް މީގެ ތެރެއިން ބަދަލު ކުޅުންތެރިއެކެވެ. މިގޮތުން މެޗުގެ 73 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ކާމިޔާބުކޮށް ދިނީ އަބްދުލް ހަމީދް ސަމީރީއެވެ.
މެޗުގެ ސްކޯ ހަމަހަމަ ކުރަން ބެލްޖިއަމްއިން މަސައްކަތް ކުރި ނަމަވެސް ދެން ވެސް ލަނޑު ޖަހާ ނަތީޖާ ކަށަވަރު ކުރީ މޮރޮކޯއިންނެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ހަކީމް ޒިއެޗްގެ ހުރަހަކުން މިލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ޒަކަރިއްޔާ އަބޫޚަލާލްއެވެ. މެޗު ނިމުނީ މި ނަތީޖާއާއެކު 2-0 އިން މޮރޮކޯ މޮޅުވެގެންނެވެ.
މިމެޗުގެ ނަތީޖާއާއެކު މޮރޮކޯ މިވަނީ ގްރޫޕް އެފްގެ އެއްވަނައަށް އަރާފައެވެ. އެއީ ފުރަތަމަ މެޗުން ކްރޮއޭޝިއާ އަތުން ލިބުނު 1 ޕޮއިންޓާ މިރޭ ލިބުނު 3 އާއެކު ޖުމްލަ 4 ޕޮއިންޓް ހޯދައިގެންނެވެ.
ފުރަތަމަ މެޗުގައި ކެނެޑާ ބަލިކުރި ބެލްޖިއަމް އޮތީ ގްރޫޕްގެ ދެވަނައިގައެވެ. މިރޭ ދެން އޮތީ މި ގްރޫޕްގެ ހަތަރު ވަނަ މެޗެވެ. އެމެޗުގައި ވާދަ ކުރާނީ ކްރޮއޭޝިއާއާއި ކެނެޑާއެވެ.