އާސަންދަ ސްކީމްގެ ތެރެއިން މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވީ، އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕޮލިސީ ލެވަލްގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މި ބަދަލާއެކު ލޭ މައްޗަށް ދިއުމާއި ހަކުރާއި ކޮލެސްޓްރޯލް ފަދަ އެއްޗެހި ގަވައިދުން މޮނިޓާ ކުރުމަށް އާސަންދައިގެ ތެރެއިން ޓެސްޓު ކުރެވޭނެ ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ.
ޝަތުފާ ވިދާޅުވީ އެކަމާ ގުޅޭ ކަރުދާހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ނިމުމުން އާސަންދަ ސްކީމުގެ ތެރެއިން އެ ކަން ފައިނަލް ވާނެ ކަމަށް ޝަތުފާ ވިދަޅުވިއެވެ.
ޝަތުފާ ވިދާޅުވީ، ވީހާ ވެސް އަވަހަކަށް އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ބަދަލު ގެންނާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅުވާން އަދި އުނދަގޫ ކަމަށް ޝަތުފާ ވިދާޅުވިއެވެ.
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ބަދަލުކުރަން ނިންމާފައި ވާއިރު ދާދި ފަހުން އާސަންދައިން ވަނީ ބޭސްފަރުވާއާ ގުޅިގެން ދައުލަތުން ރައްޔިތުންނަށް ދޭ އެހީގެ ހުރިހާ ހިދުމަތެއް 'ވިރަ' ގެ ނަމުގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފަށާފައެވެ.
އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް "ވިރަ" ސެންޓަރުގެ ކައުންޓަރުތައް ހުންނާނެ ކަމަށް އާސަންދައިން ބުނެއެވެ. މިއާއެކު އާސަންދަ ކުންފުނިން ފޯރުކޮށްދެމުން ދާ އާސަންދަ އަދި މެރަނާ ސްކީމްގެ ހިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުން ދާ މެޑިކަލް ވެލްފެއާ ހިދުމަތްތައް އެއްތަނަކުން ލިބިގަތުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެފައިވާ ކަމަށް އާސަންދައިން ބުނެއެވެ.
މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއާއަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ ފަރާތުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެއް ކަމަށާއި އަދި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ހާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ، ކުރިން ދެ އިދާރާއަކުން ހޯދަން ޖެހޭގޮތަށް އޮތް މި ހިދުމަތްތައް އެއް ތަނަކުން ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ. އަދި އެތައް ފަހަރަކު ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި އެއްފަހަރު ލިޔެކިޔުން ހުށަހަޅާގޮތަށް ހަމަޖެހިގެން ދިއުމަކީވެސް ހިދުމަތް ހޯދުމުގައި ތަކުލީފު ކުޑަވެ، ހިދުމަތް ލިބުން އަވަސް ވެގެންދާނެ ބަދަލެއް ކަމަށެވެ.