ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި މިހާތަނަށް ވެސް ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެނިފައިވާ އިރު މިއަދު ހަވީރު ޖަޕާނާއި ކޮސްޓާރީކާ ކުޅުނު މެޗުން ވެސް ހައިރާން ކުރުވަނިވި ނަތީޖާއެއް ނިކުމެއްޖެއެވެ.
މިގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 7-0 އަކުން ބަލިވި ކޮސްޓާރީކާ ވަނީ 1-0 އަކުން ޖަޕާނު ބަލިކޮށްފައެވެ.
މިމުބާރާތުގެ އެންމެ އުނދަގޫ ގްރޫޕް ކަމަށް ބުނާ ގްރޫޕް އީގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމަށް ވެސް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. 0-0 ގެ ސްކޯލައިނެއްގައި އޮވެގެން ހާފް ނިމުނު އިރު ދެވަނަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ޖަޕާނެވެ.
އެހެން ނަމަވެސް މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ ކޮސްޓާރީކާއިންނެވެ. މިގޮތުުން މެޗުގެ 81 ވަނަ މެޗުގައި ކޮސްޓާރީކާގެ ކޭޝާ ފުލާ ޖެހި ލަނޑާއެކު ކޮސްޓާރީކާއަށް މުބާރާތުގައި މިވަނީ އުއްމީދު ލިބިފައެވެ. ފުލާގެ މި ޝޮޓަކީ މިމެޗުގައި ވެސް އަދި މި މުބާރާތުގައި ވެސް ކޮސްޓާރީކާއިން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ޝޮޓެވެ.
ފުރަތަމަ މެޗުގައި 2-1 އަކުން ޖާމަނީ ބަލިކުރި ޖަޕާނުން ދެން ވެސް ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ މި މެޗުން ޖަޕާނު ބަލިވެގެންނެވެ.
މިމެޗުން މޮޅުވި ކޮސްޓާރީކާއަށް މިވަނީ ތިން ޕޮއިންޓް ލިބި ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ. ކޮސްޓާރީކާއިން ދެން ކުޅެން ޖެހޭނީ ޖާމަނީއާއެވެ. ޖަޕާނު މިމެޗުން ދަށްވި ނަމަވެސް އެޓީމު އަދި ވެސް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެހެން ނަމަވެސް އެޓީމުން އެންމެ ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ.
މި ގްރޫޕްގައި މިރޭ ސްޕެއިންއާއި ޖާމަނީ ވާދަކުރާ އިރު މިއީ ގްރޫޕް ސްޓޭޖްގެ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗެވެ.