ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި މިހާރު ހިނގަމުންދާ އިރު މުބާރާތުގައި ވާދަކުރާ 32 ޓީމުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. މިގޮތުން ގްރޫޕް ސްޓޭޖްގެ ފުރަތަމަ ރައުންޑްގެ މެޗުތައް ނިމި ދެވަނަ ރައުންޑް ފަށާފައިވާ އިރު ފީފާއިން ވަނީ ފުރަތަމަ ކުޅުނު 16 މެޗުން ފާހަގަވި ބައެއް ކަންކަން ހާމަކޮށްފައެވެ.
ފީފާއިން މީގެ ކުރިން ބުނެފައިވަނީ މިފަހަރުގެ މުބާރާތުގެ 64 މެޗުގެ ފުރިހަމަ ޓެކްނިކަލް އެނާލެސިސްއެއް އެޖަމާއަތުން ދޭނެ ކަމަށާ މިކަމަށްޓަކައި ހާއްސަ ޓެކްނިކަލް ސްޓަޑީ ގްރޫޕެއް ހަދާފައިވާ ކަމަށެވެ. މި ގްރޫޕްގައި ހިމެނެނީ ކުރީގެ ކުޅުންތެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނެވެ.
އިދިކޮޅު ޓީމުއަތުން ބޯޅަ ހޯދަން ކުރާ މަސައްކަތް އިތުރުވުން
ފީފާގެ ޓެކްނިކަލް ޓީމުން ބުނީ މުބާރާތުގެ ފުރަތަމަ 16 މެޗުގައި ޓީމުތަކުން އިދިކޮޅު ކުޅުންތެރިންގެ އަތުން ބޯޅަ ހޯދަން ކުރާ މަސައްކަތް އިތުރުކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް އެޓީމެއްގެ އޭރިއާގެ ތެރޭގައި ފޯވަޑް ކުޅުންތެރިން ހިމެނޭ ހެން ބޯޅަ ހޯދަން (ކައުންޓާ ޕްރެސް) މަސައްކަތް ކުރާ ކަމަށާއި މިގޮތަށް މަސައްކަތް ކުރާ ޓީމުތަކަށް ބޯޅަ ލިބި އިދިކޮޅު ޓީމުގެ އޭރިއާގެ އޭރިއާ ތެރެއިން ހަމަލާތައް އުފެއްދުމަށް ފަސޭހަވާ ކަމަށެވެ.
ފީފާގެ ޓީމުން ބުނީ ކައުންޓާ ޕްރެސިންގް އަކީ ޒަމާނީ ފުޓްބޯޅައިގައި ފެނިގެންދާ އުކުޅެއް ކަމަށާއި މެޗެއްގެ 90 މިނެޓް މިގޮތަށް ބޯޅަ ފަހާ ދުވަން ކުޅުންތެރިންނަށް އުނދަގޫވާ އިރު މިހާރު މެޗެއްގައި ފަސް ބަދަލު ގެނެވޭތީ ކޯޗުން މިކަމަށް ބުރަވާ ކަމަށެވެ.
ބޮޑު ބޯޅަ ޖަހައިގެން ކުޅޭ ފުޓްބޯޅަ އަށް ބަރޯސާވުން
ފީފާގެ ޓީމުން ކިޔާ ދިން ގޮތުގައި ކައުންޓާ ޕްރެސިންގްއަށް ހައްލެއް ކަމަށް ގިނަ ޓީމުތަކުުން ބޭނުން ކުރާ އުކުޅަކީ ބޮޑު ބޯޅަ ޖެހުން ކަމަށެވެ.
މިގޮތުން ޓީމުތަކުން އުފައްދާ ހަމަލާތަކުގެ ފެށުމަކަށް ގިނަ ފަހަރުވަނީ ގޯލު ކީޕަރު ކަމަށާއި ހަމަލާއެއް އުފައްދާނީތޯ ނުވަތަ ޑިފެންޑަރުންނަށް ޕާސްކުރާނީތޯ ނިންމަނީ ގިނަ ފަހަރަށް ކީޕަރު ކަމަށް ވެސް ފީފާ ޓީމުން ވަނީ ބުނެފައެވެ. އެހެން ކަމުން މި މުބާރާތުގައި ވާދަ ކުރާ ގިނަ ކީޕަރުންނަކީ ދުރަށް ރީތި ޕާސްތައް ކުރަން އެނގޭ ކީޕަރުން ކަމަށް ވެސް ފީފާއިން ބުނެއެވެ.
ހުރަސްތަކުން ޖަހާ ގޯލުތައް އިތުރުވުން
ގަތަރު 2022 ގައި ފީފާގެ ޓީމަށް ފާހަގަވި އަނެއް ކަމަކީ މެޗުތަކުން ފެނުނު ހުރަސްތައް އިތުރުވި ކަމެވެ.
މިގޮތުން ފުރަތަމަ 16 މެޗުގައި 14 ހުރަހަކުން ގޯލު ޖަހާފައިވާ ކަމަށާއި 56 ހުރަހަކުން ގޯލަށް ހަމަލާތައް އަމާޒުވި ކަމަށެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށް ބަލާ އިރު ގްރޫޕް ސްޓޭޖްގައި ހުރަހުން ޖެހީ އެންމެ ތިން ލަނޑު ކަމަށް ވެސް ފީފާއިން ވަނީ ބުނެފައެވެ.