ފަނޑިޔާރަކު މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވި މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނީ ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ޖޭއެސްސީގެ މިއަހަރުގެ 84 ވަނަ ޖަލްސާގައި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ ކުރިން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށިކަން ހާމަކުރާއިރު ޖޭއެސްސީއިން އެ މައްސަލައެއްގެ ތަފްސީލު ވެސް ހާމަކުރެއެވެ. އެހެންނަމަވެސް މި މައްސަލާގައި ތަފްސީލު ހާމަނުކުރި ސަބަބު އެނގިފައެއް ނުވެއެވެ.