ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ރޭ އާޖެންޓީނާއާއި މެކްސިކޯ ވާދަކުރި މެޗު 2-0 އަކުން އާޖެންޓީނާ ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވި އިރު ރޭގެ މެޗުން މެކްސިކޯ އަތުން ވެސް ބަލިވެއްޖެނަމަ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މުޅިން ގެއްލިގެންދާނެ ކަން އާޖެންޓީނާގެ ކުޅުންތެރިންނަށް އެނގެއެވެ.

ފުރަތަމަ މެޗުން އެއްވަރުވެގެން ޕޮއިޓަކާއެކު މިމެޗަށް އައި މެކްސިކޯ އިން ފުރަތަމަ ހާފްގައި ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. އަދި އާޖެންޓީނާގެ ތަރިން ހާއްސަކޮށް ކެޕްޓަން ލައިނަލް މެސީއަށް މާގިނަ ހަމަލާތައް އުފައްދާނެ ޖާގައެއް ނުދެއެވެ. މެޗުގެ ވަގުތު ކުރިއަށް ދިޔަ ވަރަކަށް އާޖެންޓީނާގެ ހާސްކަން ވެސް އިތުރުވެގެން ދިޔައެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅެމުން ދިޔަ މިމެޗު ބެލުމަށް 88،966 ވަދެ ތިބި އިރު އާޖެންޓީނާގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނީ މެޗުގެ 64 ވަނަ މިނެޓްގައި މެސީއެވެ. މެސީ މިލަނޑު ޖެހީ ޑި މަރިޔާގެ އެސިސްޓަކުންނެވެ.

މިއީ އެންޒޯ ފެނާންޑޭޒް އާޖެންޓިނާގެ ޖާޒީގައި ޖެހި ފުރަތަމަ ލަނޑު/ފޮޓޯ:ފީފާ

އާޖެންޓިނާއިން ވަނީ 87 ވަނަ މިނެޓްގައި އިތުރު ލަނޑެއް ޖަހާ ނަތީޖާ ކަށަވަރުކޮށްފައެވެ. މިގޮތުން، އެންޒޯ ފަނާންޑޭޒް ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑާއެކު އާޖެންޓީނާއަށް އިތުރު އުފާވެރިކަން ލިބުނެވެ. މިލަނޑުގެ އެސިސްޓް ނެގީ މެސީއެވެ.

މި ނަތީޖާއެކު އާޖެންޓީނާ މިވަނީ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޕޮލެންޑާއި ދެކޮޅަށް އެޓީމުން ނިކުންނަ އިރު ދެ މެޗު ކުޅެގެން 4 ޕޮއިންޓް ހޯދައިގެން ގްރޫޕް ތާވާލުގެ އެއްވަނައިގައި އޮތީ ޕޮލެންޑެވެ.

ދެ މެޗު ކުޅެ މެކްސިކޯއަށް އެންމެ ޕޮއިންޓެއް ލިބިފައިވާ އިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް ވެސް އަދި ވެސް އެބައޮތެވެ. އެޓީމުން ދެން ކުޅެން ޖެހޭނީ ސައުދީއާއެވެ.