ގަތަރުގައި މިހާރު ހިނގަމުންދާ ވޯލްޑްކަޕް 2022 ގައި ގްރޫޕް ސްޓޭޖްގައި ޓީމުތައް ކުޅޭ ދެ ވަނަ މެޗުތައް މިހާރު ފަށާފައިވާ އިރު މިމެޗުތަކުން ފުރަތަމަ ބުރުން ކަޓާ ބައެއް ޓީމުތައް އެނގިގެންދާނެއެވެ. މިއަދު ވެސް މިމުބާރާތުގައި ހަތަރު މެޗު ކުޅޭ އިރު މިއަދު ފެންނާނީ ގްރޫޕް ސީ އަދި ޑީގެ މެޗުތަކެވެ.
މެންދުރު 3 ޖަހާ އިރު: ޓިއުނީޝިއާ-އޮސްޓްރޭލިޔާ
ގްރޫޕް ޑީގައި ޓިއުނީޝިއާއިން އެންމެ ފުރަތަމަ ކުޅުން މެޗުގައި ޑެންމާކް 0-0 ގެ ނަތީޖާއަކުން ހިފެހެއްޓި އިރު އެޓީމަށް ވަނީ 1 ޕޮއިންޓް ލިބިފައެވެ. އެމެޗުގައި އެޓީމުން ޑިފެންސިވް ކުޅުމެއް ދެއްކި ނަމަވެސް މާ ގިނަ ފުރުސަތުތަކެއް އުފައްދާފައެއް ނުވެއެވެ. މުބާރާތުގައި ކުރިއަށް ދެން އޮތީ މިމެޗުން ރަނގަޅު ނަތީޖާއެއް ނެރެގެން ކަމަށްވާ އިރު ގްރޫޕް ސްޓޭޖްގައި އެގައުމުން ދެން ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއެވެ.
އޮސްޓްރޭލިޔާއަށް ބަލާ އިރު އެގައުމުން ފުރަތަމަ މެޗުގައި ކުޅުނީ ފްރާންސާ ދެކޮޅަށެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ އޮސްޓްރޭލިޔާއިން ލީޑު ނެގިނަމަވެސް ފްރާންސްއިން ވަނީ ފަހަތުން އަރާ 4 ލަނޑު ޖަހާ ފަސޭހަ ކަމާއެކު މެޗުން މޮޅުވެފައެވެ. މުބާރާތުގައި ކުރިއަށް ދިއުމަށް އޮސްޓްރޭލިޔާއަށް މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަޖްބޫރުވާނެއެވެ.
ހަވީރު 6 ޖަހާ އިރު: ޕޮލެންޑް-ސައުދީ އަރަބިއްޔާ
މިމުބާރާތުގައި ސައުދީ އަރަބިއްޔާއިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އަކުން މޮޅުވުމަކީ ދުނިޔެ ސިއްސުވާލި ނަތީޖާއެވެ. މުބާރާތް ފެށުމުގެ ކުރިން މި ގްރޫޕްގެ ފުލުގައި އޮންނާނީ ސައުދީ ކަމަށް ގިނަ ބަޔަކު ބުންޏެވެ. އެހެން ނަމަވެސް ފުރަތަމަ މެޗުތައް ނިމުނު އިރު ތިން ޕޮއިންޓާއެކު އެންމެ ކުރީގައި މިއޮތީ ސައުދީއެވެ. މިއަދު ޕޯލެންޑް ބަލިކޮށްގެން ދެވަނަ ބުރަށް ދިއުމުގެ މަގު ސައުދީއަށް އިތުރަށް ވަރުގަދަ ކުރެވޭނެއެވެ.
ޕޯލެންޑްގެ ފުރަތަމަ މެޗުގައި މެކްސިކޯއާއެކު ކުޅެ އެއްވަރުވީ އިރު އެމެޗުގައި ދެޓީމު ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހެއެވެ. އެމެޗުގައި ޕޮލެންޑަށް ޕެނަލްޓީއެއް ލިބި އެވެސް ނުޖެހުނު އިރު މިއަދު ސައުދީ އަތުން ނަތީޖާއެއް ނެރުން މުހިންމެވެ. ޕޯލެންޑް ގްރޫޕް ސްޓޭޖްގައި އެންމެ ފަހުން ކުޅޭނީ އާޖެންޓީނާއާ ދެކޮޅަށެވެ.
ރޭގަނޑު 9 ޖަހާ އިރު: ޑެންމާކް-ފްރާންސް
ޖެހި ޖެހިގެން ދެ ވޯލްޑްކަޕް ހޯދަން ފްރާންސްއިން ކުރާ މަސައްކަތުގެ ފެށުން ވަރަށް ރަނގަޅެވެ. މިގޮތުން 4-1 އަކުން އެޓީމުން އޮސްޓްރޭލިޔާ ބަލިކުރި އިރު މިރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗު އެއަށް ވުރެ އުނދަގޫވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ފުރަތަމަ މެޗުގައި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު ފްރާންސްގެ ފޯވަޑުން ހިފަހައްޓަން ޑެންމާކަށް އުނދަގޫވާނެއެވެ.
މުބާރާތުގައި އަދި ޑެންމާކަށް ލަނޑެއް ނުޖެހެއެވެ. ފުރަތަމަ މެޗު 0-0 އަކުން އެއްވަރުވީ އިރު މިރޭ ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނުނެރި ފަރު ޖެއްސޭކަށް ވެސް ނެތެވެ.
ދަންވަރު 12 ޖަހާ އިރު: އާޖެންޓީނާ-މެކްސިކޯ
މުބާރާތުގެ ފުރަތަމަ މެޗުން ސައުދީ އަތުން 2-1 އަކުން އާޖެންޓީނާ ބަލިވާނެ ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެއެވެ. އެހެން ނަމަވެސް މި ހަގީގާތާ އާޖެންޓިނާއިން މިހާރު ކުރިމަތިލާން ޖެހިފައިވާ އިރު މިރޭ މެކްސިކޯ އަތުން ކޮންމެހެން ވެސް ރަނގަޅު ނަތީޖާއެއް ނެރެން ޖެހެއެވެ. އެހެން ނޫން ނަމަ އާޖެންޓީނާ މުބާރާތުން ކެޓުމުގެ ބިރު ވަރަށް ބޮޑުވާނެއެވެ.
މެކްސިކޯއަކީ ވެސް މިމުބާރާތުގައި އަދި ލަނޑެއް ޖެހިފައި ނުވާ ޓީމެކެވެ. ޕޯލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މާ ގިނަ ފުރުސަތުތައް އުފެއްދިފައި ނުވާ އިރު އާޖެންޓީނާ ދެކޮޅަށް އެޓީމުން ނިކުންނާނީ އުއްމީދާއެކުއެވެ.
އިއްޔެގެ ނަތީޖާތައް
ހުކުރު ދުވަހުގެ ނަތީޖާތަކަށް ފަހު މުބާރާތް ބާއްވާ ގައުމު ގަތަރު ވަނީ ވޯލްކަޕުން ކަޓާފައެވެ. އެޓީމުން އިއްޔެ 3-1 އަކުން ސެނެގާލް އަތުން ބަލިވި އިރު ނެދެލޭންޑްސް އަދި އެކުއަޑޯ ކުޅުނު މެޗު ނިމުނީ 1-1 އަކުުން އެއްވަރުވެގެންނެވެ.
ގްރޫޕް ބީގައި އީރާނުން ވޭލްސް 2-0 އަކުން ބަލިކުރި އިރު އެމެރިކާއާއި އިންގްލޭންޑް ކުޅުނު މެޗު ނިމުނީ 0-0 އަކުން އެއްވަރުވެގެންނެވެ.