ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ކުރިއަރަމުން އަންނަ ކ. މާފުއްޓަކީ ހަށިވިއްކާ މަރުކަޒެއްގެ ގޮތުގައި ސިފަކޮށް "މިހާރު" ނޫހުން ލިޔެފައިވާ ރިޕޯޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މާފުށީ ކައުންސިލުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެ ކައުންސިލުން ބުނީ، މާފުށީގައި ހަށި ވިއްކުމުގެ އެއްވެސް ހާދިސާއެއް ހިނގައިގެން އެކަން ރެކޯޑް ކުރެވިފައި ނުވާއިރު، ހަށި ވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި އެ ރަށް ސިފަ ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އެ ރަށުގައި ދިރިއުޅޭ މީހުންނާއި އެރަށަށް އަރާ ފައިބާ ދެ ޖިންސުގެ މީހުންނަކީ ހަށި ވިއްކުމުގައި ހަރަކާތްތެރިވާ މީހުން ކަމުގައި ދެކޭ ނަމަ އެއީ އެގޮތަށް ހިތަށް ތަސައްވަރު ކުރެވޭ ބައެއްގެ ހުރި އުނި ކަމެއް ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

"އެއްވެސް ކަމަކީ އެންމެން ރުހޭނެ ކަމަކަށް ނުވާ ހަމައިގެ މަތިން ރާއްޖޭގެ ލޯކަލް ޓުރިޒަމް ކުރިއަރުވަން ނުރުހޭނެ މީހުން އުޅޭނެ ކަމުގައި މި ކައުންސިލުން ދެކެން"
މާފުށީ ކައުންސިލް

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތައް ރާއްޖޭގެ އެކި ރަށްރަށުން އަބަދުވެސް ތަކުރާރުވަމުން ދަނީ އެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިންގާތީ ނޫން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެ ގޮތުން ރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ރަށަކުން ކުރިމަތިވެދާނެ އިޖްތިމާއީ މައްސަލަތަކަށް އިޖާބަ ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތައް މަސައްކަތް ކުރަން ޖެހޭނީ އެ މާހައުލަކާ އެކަށޭނަ ގާބިލުކަން ލިބިގެން ކަމަށް މާފުށީ ކައުންސިލުން ބުނެއެވެ.

މާފުށީ ރައްޔިތުން ވަނީ ރަލާއި އޫރުމަހާ ނުލާވެސް ޓޫރިޒަމް އަކީ ކުރިއަށް ގެންދެވިދާނެ ވިޔަފާރީއެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށް ދީފައި ކަމަށް ވެސް އެ ކައުންސިލުން ބުނެއެެވެ. މީގެ އިތުރުން ފަތުރުވެރިން މާފުއްޓަށް އަންނަނީ ރާއްޖޭގެ، ހާއްސަކޮށް މާފުށީގެ ރީރިކަން ދެކިލާ ހިތްހަމަޖައްސާލުމުގެ ބޭނުމުގައި ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މާފުއްޓާކީ ލޯކަލް ޓޫރިޒަމް ފުޅާ ވެފައިވާ ރަށެއް ކަމުގައި ވިޔަސް އެ ރަށުގައި އިޖްތިމާއީ ގިނަ މައްސަލަތަކެއް ހުރި ކަމަަށް އެ ރަށުގެ ބައެއް މީހުން ބުނެއެވެ. އެ ގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތަކަކީ އެ ރަށުގައި މިހާރު ވަރަށް ބޮޑުވެފައިވާ ކަމެއް ކަމަށް މާފުށީ މީހުން ބުނެއެވެ.