ގަތަރު 2022 ގައި އިންގްލޭންޑުން ކުޅުނު ފުރަތަމަ މެޗުގައި އީރާނު ކޮޅަށް 6 ލަނޑު ޖެހި ނަމަވެސް މިރޭ އެމެރިކާއާ ވާދަކުރި މެޗު 0-0 އަކުން އެއްވަރުވެއްޖެއެވެ.

ގްރޫޕް ބީގެ ހަތަރު ވަނަ މެޗުގައި ގިނަ ހަމާލާތައް އުފައްދާ ނުރައްކާތެރި ޗާންސްތައް ލިބުނީ އެމެރިކާއަށެވެ. މިގޮތުން އެޓީމުގެ މެކެނީ އަދި ކްރިސްޓިއަން ޕުލިސިކްއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު އިރު ޕުލިސިކްގެ ޝޮޓް ޖެހުނީ ދަނޑީގައެވެ.

އެމެރިކާގެ ޒުވާން ޓީމުން މެޗުގައި މާ ގިނަ ހަމަލާތައް އުފެއްދި/ފޮޓޯ: ފީފާ ޓުވިޓާ

އެމެރިކާގެ ގޯލަށް ނުރައްކާ ކުރާ ފަދަ މާ ގިނަ ހަމަލާތަކެއް އިންގްލޭންޑުން ނުފެނުނު އިރު އެޓީމުގެ ކުޅުންތެރިންގެ ކިބައިން ފެނުނީ ވަރުބެލިކަމެވެ. 0-0 އަކުން މި މެޗު ވެސް ނިމުނު އިރު މިއީ މިމުބާރާތުގައި މި ސްކޯލައިނުން ނިމުނު 5 ވަނަ މެޗެވެ.

މިނަތީޖާއާއެކު ގްރޫޕް ބީއިން ދެވަނަ ބުރަށް ދަތުރު ކުރާނެ ޓީމެއް އަދި ނޭނގެއެވެ. ދެ މެޗަށް ފަހު އިންގްލޭންޑަށް 4 ޕޮއިންޓް ލިބިފައިވާ އިރު ގްރޫޕްގައި ދެން އޮތް އީރާނަށް ތިން ޕޮއިންޓް، އެމެރިކާއަށް ދެ ޕޮއިންޓް އަދި ވޭލްސްއަށް އެއް ޕޮއިންޓް ވަނީ ލިބިފައެވެ. މީގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލޭ އިރު ގްރޫޕްގެ ފަހު މެޗުތަކުގައި އެމެރިކާއިން ނިކުންނާނީ އީރާނާ ދެކޮޅަށެވެ. އަދި އިންގްލޭންޑް ކުޅޭނީ ވޭލްސްއާއެވެ.