އޮކްޓޫބަރު 21، 2018 ގައި އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގެ ވެންގަޓީގެ މަޝްހޫރު ގޮނޑުދޮށެއްގައި ހިނގާލަށް ނުކުމެ އުޅުނު އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ވާ ޓޯޔާ ކޯޑިންގްލޭ، 24އ މަރާލި މައްސަލައިގައި ތުހުމަތުވާ މީހާ އިންޑިއާއިން އަތުލައިފިއެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށް ވާ ރަޖްވިންދްރަ ސިންގް 38އ އަތުލީ އެ ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ އޮސްޓްރޭލިއާ ދޫކޮށް ފުރައިގެން އިންޑިއާ އަށް ގޮސް ދިއްލީގައި އުޅޭތާ 4 އަހަރު ފަހުންނެވެ.

އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގެ ފުލުހުން މިހާދިސާ ތަހުގީގު ކުރަމުން ދާތާ 4 އަހަރު ފަހުން، އެމީހާ އަތުލެވުނީ، އޭނާ ހޯދުމަށް 1 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (676،487 އެމެރިކާ ޑޮލަރު) ހުށަހަޅާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އިންޑިއާގައި އޭނާ ހުރިކަމުގެ މައުލޫމާތު ލިބި، އިންޑިއާގެ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރެވިފައި ވާ އިރު، އޭނާ އޮސްޓްރޭލިއާ އަށް ގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ. އަދި އޭނާގެ ޝަރީއަތް ހިނގާނީ ކްއީންސްލޭންޑްގެ ކޯޓުގައި ކަމަށްވެސް ބުނެއެވެ.

އިންޑިއާގެ މި މީހާ އަކީ، އޮސްޓްރޭލިއާގައި އުޅުނު ނަރުހެކެވެ. އެ ހާދިސާ ހިނގުމާއެކު އޭނާ އިންޑިއާ އަށް ފުރައިގެން ދިޔައީ އަންހެނުންނާއި ދަރިންވެސް އޮސްޓްރޭލިއާ އަށް ދޫކޮށްލާފައި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެ ހާދިސާ ހިނގި އިރުގެ ސީސީޓީވީ ފްޓޭޖުން އޭނާގެ ހަރަކާތްތައް ފެންނަ ކަމަށާއި އެއާޕޯޓުން ފުރައިގެން ދާން ހަރަކާތްތެރިވާ ތަންވެސް ފެންނަ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

އޭނާ، ކޯޑިންގޭލް މަރާލި ގޮތުގެ މާބޮޑު ތަފްސީލެއް އޮފިޝަލުން ހާމަކޮށްފައި ނުވި ނަމަވެސް އެއީ ރަހުމް ކުޑަ، އަނިޔާވެރި މަރެއްކަމަށް ބުނެފައި ވެއެވެ.

1 މިލިއަން އޮސްޓްރޭލިއަން ޑޮލަރަކީ މިހާތަނަށް މިބާވަތުގެ ކަމެއްގައި ހުށަހެޅި އެންމެ ބޮޑު އަގެވެ. މިހާދިސާއާ ގުޅިގެން ކްއީންސްލޭންޑްގެ ޕޮލިސް ކޮމިޝަނަރު ކެރޮލް ވިދާޅުވީ، އެމީހާ ހައްޔަރު ކުރުމުގައި އިންޑިއާގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ކޯޑިންގޭލްގެ ބައްޕަ ބުނެފައި ވަނީ، ދެން ދަރިފުޅު އަންބުރާ ނާންނާނެ ކަމަށާއި ދިރިހުރުމުގެ ހުރިހާ ހައްގެއް އޭނާގެ ކިބައިގެން ނިގުޅައިގަނެފައި ވާ އިރު ދަރިފުޅަށް އިންސާފު ލިބުނަސް އެކަން ވާނީ އެންމެ ކުޑަ މިންވަރަށް ކަމަށެެވެ.