ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި ގްރޫޕްގެ އޭގެ ދެވަނަ މެޗުގައި ސެނެގާލްއާ މުބާރާތް ބާއްވާ ގަތަރު ކުޅުނު މެޗު 3-1 އަކުން ސެނެގާލް ކާމިޔާބުކޮށްފިއެވެ.

މުބާރާތް ހުޅުވި މެޗުގައި އެކުއަޑޯ އަތުން 2-0 އަކުން ބަލިވި ގަތަރު މިރޭ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފެއްދި ސެނެގާލްއިން ވަނީ މެޗުގެ 41 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ ގަތަރު ކުޅުންތެރިއެއްގެ އަތުން ހެދުނު މިސްޓޭކަކުން ޖެހުނު ލަނޑެކެވެ.

ދެވަނަ ހާފްގެ ފުރަތަމަ ދެތިން މިނެޓްގެ ތެރޭގައި ސެނެގާލްއިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފަމަރާ ޑެއިޑޫއެވެ.

މިއާއެކު ގަތަރަށް މުބާރާތުގައި ކުރިއަށް ދެވޭނެ ކަމުގެ އުއްމީދު ކުޑަވެގެން ދިޔަ ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ގަތަރުގެ މުހައްމަދު މުންތާރީ ވަނީ ލަނޑެއް ޖަހާ ސްކޯ ގެ ފަރަގު ކުޑަކޮށްފައެވެ. މިއީ ވޯލްޑްކަޕް މުބާރާތެއްގައި ގަތަރުން ޖެހި ފުރަތަމަ ލަނޑެވެ.

އެއަށް ފަހު ސްކޯ ހަމަހަމަ ކުރަން ގަތަރުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓިގެން ދިޔައީ މެޗުގެ 84 ވަނަ މިނެޓްގައި ސެނެގާލްއިން އިތުރު ލަނޑެއް ޖަހާ ސްކޯ 3-1 އަކަށް ހެދުމުންނެވެ.

މެޗު ނިމުނީ މިސްކޯ ލައިނުގައި އޮވެގެންނެވެ. މިއާއެކު ދެ މެޗު ކުޅެ ސެނެގާލްއަށް 3 ޕޮއިންޓް ލިބުނު އިރު މުބާރާތް ބާއްވާ ގަތަރު ދެ މެޗުން ވެސް ބަލިވުމުން އެންމެ ޕޮއިންޓެއް ވެސް ލިބިފައެއް ނުވެއެވެ. ދެން އޮންނާނީ ގްރޫޕް ސްޓޭޖްގައި މި ދެޓީމުން ވެސް ކުޅޭ ފަހު މެޗެވެ. ސެނެގާލުން އެކުއަޑޯއާ ދެކޮޅަށް ނިކުންނަ އިރު ގަތަރު ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.