ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް 2022 ގައި ގްރޫޕް ބީގައި މިއަދު ވޭލްސްއާއި އީރާނާ ކުޅުނު މެޗު 2-0 ގެ ސްކޯއަކުން އީރާނު ކާމިޔާބުކޮށްފިއެވެ.

އީރާނުން މި މެޗުގައި ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ 90 މިނެޓްގެ ފަހުން ދެއްކި އިތުރު ވަގުތުގައެވެ. މިގޮތުން އެޓީމަށް ފުރަތަމަ ލަނޑު ޖަހާ ދިނީ މެޗުގެ 98 ވަނަ މިނެޓްގައި ރަޒޫބޭ ޗެޝްމީއެވެ. ދުރުން އޭނާ ފޮނުވާލި މި ޝޮޓް ވޭލްސްގެ ގޯލަށް ވަތް އިރު މިއީ ޕެނަލްޓީ އޭރިޔާގެ ބޭރުން މިމުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.

އީރާނުން ވަނީ ފަހު ވަގުތު ދެ ލަނޑު ޖަހާފައި/ފޮޓޯ: ފީފާ ޓުވިޓާ

މެޗުގެ ދެވަނަ ލަނޑު އީރާނުން ކާމިޔާބުކުރީ މެޗުގެ 102 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ރަމީ ރެޒަޔާންއެވެ.

އީރާނުގެ ދެލަނޑު ވެސް ފެނިގެން ދިޔައީ ގަތަރު 2022 ގެ ފުރަތަމަ ރަތް ކާޑަށް ފަހު އެވެ. މި ގޮތުން، އޭރިޔާގެ ބޭރުން ވޭލްސްގެ ކީޕަރު ވެއިން ހެނެސީ ކުރި ފައުލަކަށް މެޗުގެ 86 ވަނަ މިނެޓްގައި އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މިފައުލަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް މެޗުގެ ރެފްރީ ވަނީ ޕިޗް ސައިޑް މޮނިޓާ ބަލާ މިނިންމުން ބަދަލުކޮށް ހެނެސީއަށް ރަތް ކާޑެއް ދައްކާފައެވެ.

ވޭލްސްގެ ކީޕަރަށް ރަތް ކާޑު ދައްކަނީ/ފޮޓޯ: ފީފާ ޓުވިޓާ

މިމޮޅާއެކު އީރާނަށް ތިން ޕޮއިންޓް ލިބިފައިވާ އިރު މި ގްރޫޕުގައި ދެން އީރާނުން ކުޅެން ޖެހޭނީ އެމެރިކާއާއެވެ. ފުރަތަމަ މެޗުގައި 6-2 އަކުން އިންގްލޭންޑްގެ އަތުން ބަލިވި ނަމަވެސް މިއަދުގެ މެޗުގައި ފެނުނު ކުޅުމަށް ބަލާ އިރު އެމެރިކާއަށް އީރާނު ބަލިކުރަން އުނދަގޫވާނެއެވެ. އަދި އީރާނުން އެމެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހިކުރެވޭނެއެވެ.

ފުރަތަމަ މެޗުން އެއްވަރުވެ ޕޮއިންޓެއް ހޯދި ވޭލްސްއަށް ދެވަނަ ބުރަށް ދިއުމަށް އޮތީ ހަނި ފުރުސަތެކެވެ. މިގްރޫޕްގެ ހަތަރު ވަނަ މެޗުގައި މިރޭ ދަންވަރު ވާދަކުރާނީ އެމެރިކާއާއި އިންގްލޭންޑެވެ.