ސަރުކާރުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރުމުން ޓޫރިޒަމް މުވައްޒަފެއްގެ ސާވިސް ޗާޓުން ގާތްގަނޑަކަށް 2000 ރުފިޔާ މަދުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނި ބުނުމާ މެދު ޓޫރިޒަމް އެމްޕްލޮއީސް އެސޯސީއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ހިޔާލު ތަފާތު ކަމަށް ބުނެފިއެވެ.
ޓީމުން ބުނީ، ޓެކްސް ބޮޑު ކުރިއަސް މާޓާޓޯ އިން ބުނި ފަދަ ބަދަލެއް ސާވިސް ޗާޖުން ނުފެންނާނެ ކަމަށް ބުނާ ސަބަބަކީ މީގެ ކުރިން ވެސް ޓެކްސް ބޮޑު ކުރި އިރު ބުކިންތަކަށް މަޓާޓޯއިން ބުނި ފަދަ ބަދަލެއް އައިސްފައި ނުވާތީ ކަމަށެވެ. ނަމަވެސް ޓެކްސް ބޮޑު ކުރުމުން ޓުއާ އެޖެންޓުންނާއި ޓުރިސްޓު އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ ކަން އެ ޖަމިއްޔާއިން ގަބޫލު ކުރާ ކަމަށް ޓީމުން ބުނެއެވެ.
އެފަދަ އަސަރުތައް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން މިއަހަރު ކުރީކޮޅު ޓޭކްސްގެ ނިޒާމަށް ބަދަލު ގެނައުމާ މެދު ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާ ކުރަން ފަށާފައި ވީ ނަމަވެސް މިފަދަ ބަދަލެއް ތަންފީޒް ކުރުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް ދިން ނަމަ ވަކިން ރަނގަޅު ވާނެ ކަމަށް ޓީމުން ބުނެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށާއި މުވައްޒަފުންގެ މުސާރަ އިތުރު ކުރުކޮށް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ގާއިމް ކުރުމަށް ވިޔަފާރިތަކުގެ ޓެކްސް ބޮޑު ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެގޮތުން ޓީޖީއެސްތީ އާއި ބީޕީޓީ އާއި އިންކަމް ޓެކްސް ޕްރޮގްރެސިވްކޮށް ކޮންމެހެން އިތުރު ކުރުމަކީ މުޅި ގައުމުގެ އިގްތިސޯދު ކުރިއަށް ގެންދިއުމައްޓަކައި މުހިއްމު ކަމެއް ކަަމަށް ޓީމުން ބުނެއެވެ. އަދި ޓެކްސް ބޮޑު ކުރުމުން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަންވާނެ ކަމަށް ދެކޭ ކަމަށް ވެސް ޓީމުން ބުނެއެވެ.
ޓެކްސް ބޮޑު ކުރުމުން މަޓާޓޯއިން ބުނެފައި ވަނީ ސަރުކާރުން ކުއްލިއަކަށް ގެނައި މި ބޮޑު ބަދަލާ ގުޅިގެން އެކަން ބަދަލު ކުރަން ބޭރުގެ ޓުއާ އޮޕަރޭޓަރުން ވެސް ސަރުކާރަށް ލޮބީ ކުރަމުން އަންނަ ކަމަށާއި މި ހާލަތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ޓެކްސް ބޮޑުކުރި ކުރުން ބަދަލު ކުރުމަށް މަޓާޓޯއިން ވަނީ ސަރުކާރަށް ގޮވައިލާފައެވެ. އަދި މަޓާޓޯއިން ވަނީ ޓޫރިޒަމް ދާއިރާއާ ގުޅޭ މިފަދަ ކަމެއް ނިންމުމުގައި އެ ދާއިރާގެ ފަރާތްތައް ބޭނުންވާ ގޮތައް ބެލުމެއް ނެތި ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ އިރުޝާދަށް ފެށި ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ނަމަވެސް އެ އިދާރާތަކާއެކު އެ ޖަމްއިއްޔާއިން ދެއްކި ވާހަކަތަކުން އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެނގިފައިވާ ކަން ފާހަގަކޮށް މަޓާޓޯއިންވަނީ ފިނޭންސް މިނިސްޓަރުކަމުގެ މަގާމު ފަދަ ޒިންމާތައް ބޮޑު މަގާމެއް އަދާކުރެއްވުމުގެ ގާބިލުކަން އޭނާ ކިބާގައި ނެތުމުން މަޖިލީހުން ފިޔަވަޅުއެޅުމަށް ގޮވައިލާފައެވެ.