ގެދޮރުވެރިން ސްކީމުން ދޭން ނިންމާފައިވާ ފްލެޓްތަކުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހާއްސަކޮށް 300 ފްލެޓްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ސަރުކާުން ހިންގާ ބޯހިޔާވެހިކަމުގެ ސްކީމުގެ ދެވަނަ ފިޔަވަހިން ދޭން ނިންމާފައިވާ 8000 ފްލެޓްގެ ތެރެއިން 300 ފްލެޓެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ރައީސް ނިންމަވާފައިވާ ކަމަށެެވެ. އެގޮތުން އެ ފްލެޓް ދިނުމަށް ހަމަޖެހިފައި ވަނީ ރިސޯޓް ވަޒީފާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރިސޯޓްތަކުގައި ވަޒީފާގައި އުޅޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ކުރިއެރުން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. އެގޮތުން މިފަހަރު ރިސޯޓް މުވައްޒަފުންނަށް ފްލެޓް ދޭން ރައީސް ނިންމަވާފައިވާ އިރު، މީގެ ކުރިން ރައީސް ވަނީ އެންމެ ދަށް އުޖޫރަ ކަނޑައެޅުމަށް ރިސޯޓް މުވައްޒަފުން އެދެމުން ދިޔަ އެދުން ފުރިހަމަ ކުރެއްވުމުގެ ގޮތުން މިނިމަމް ވޭޖް ކަނޑައަޅުއްވާފައެވެ.

ބޯހިޔާވަހިކަމުގެ ދެވަނަ ފިޔަވަހިން، 8،000 ފްލެޓް ދޫކުރަން ނިންމާފައިވާ އިރު، 4000 އަށް ވުރެން ގިނަ ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ފަހަރު މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް ކުރިމަތިލި މީހުންގެ ތެރެއިން ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުންގެ ތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމައި މިހާރު އަންނަނީ ރަޖިސްޓްރީ ހަވާލުކޮށް އިންކަނޑައި ގޯތި ދެމުންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ގުޅިފަޅުން 2،218 ގޯތި ދޫކުރާއިރު، ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ. އަދި ފުރަތަމަ ފިޔަވަހިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މި މަސް ނިމުމުގެ ކުރިން އިއުލާން ކުރަން ވެސް ވަނީ ނިންމާފައެވެ.