ރިސޯޓު މުވައްޒަފުންނަށް ޑިއުޓީ ގަޑި ނިމުމުން މިހާރު ރަށަށް ދެވޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރޭ ފެށި އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރުގެ ކާމިޔާބީތަކަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅައި ރިސޯޓު ތަކުގައި އުޅޭ މުވައްޒަފުންނަށް ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެ ކަމަށާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ ސާވިސް ޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ 700 ޑޮލަރު ގެއަށް ނުގެންދާ ރިސޯޓު މުވައްޒަފަކު ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

"މިނިމަމް ވޭޖު ކަނޑައެޅިއްޖެ. ނައިޓަށް ގެއަށް ދެވޭގޮތް ވެއްޖެ. ރިސޯޓު ފަހަރުގައި މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ ސާވިސް ޗާޖު ފުރިހަމަ އަށް ލިބޭގޮތް ވެއްޖެ، 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖެއް ވެސް މިހާރު ނެތް."
ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް އާއިލާ ކައިރިޔަށް ނިދަން ނުދެވޭ ކަމަށާއި ބައެއް ރިސޯޓުތަކުގައި އޮފް ދުވަސް ވެސް ނުލިބޭ ކަމަށް ބުނެ ބައެއް މުވައްޒަފުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ޑިއުޓީ ނިންމާލުމަށް ފަހު އާއިލާ ކައިރިއަށް ނައިޓަށް ދެވޭ ގޮތް ހެދުމާއި މިނިމަމް ވޭޖުގެ އިތުރުން ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖު ފުރިހިމައަށް ލިބިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އަސާސީ ހައްގުތަކުގެ އިތުރުން ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ރައްޔިތުންނަށް ހޯދައިދިނީ އެމްޑީޕީން ކަމަށާއި އެ މަސައްކަތް ދުވަހަކު ވެސް ރާއްޖޭގެ ތާރީހުގެ ފަތްފުށްތަކުން ފުހެވިގެން ނުދާނެ ކަމަށެވެ.