ގަތަރު ގައި ކުރިއަށްދާ ވޯލްޑްކަޕް 2022 ގައި މިރޭ ޕޯޗުގަލްއާއި ގާނާ ބައްދަލުކުރި މެޗު 3-2 ގެ ހަނި ސްކޯލައިނަކުން ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފެއްދީ ޕޯޗުގަލްއިންނެވެ. އެހެން ނަމަވެސް ގާނާގެ ގޯލަށް ނުރައްކާތެރި އެތަށް ހަމާލާއެއް އަމާޒުވީ އިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 އަކުން އެއްވަރުވެގެން އޮވެގެންނެވެ.
ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ޕޯޗުގަލްއިންނެވެ. ނަތީޖައަކަށް ވީ މެޗުގެ 65 ވަނަ މިނެޓްގައި އެޓީމަށް ޕެނަލްޓީއެއް ލިބުމެވެ. ކެޕްޓަން އަދި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މި ޕެނަލްޓީ ކާމިޔާބުކުރި އިރު މިލަނޑުވީ ތާރީހީ ލަނޑަކަށެވެ. މިގޮތުން މި ލަނޑާއެކު ރޮނާލްޑޯ ވެގެން ދިޔައީ ވޯލްޑްކަޕްގެ ފަސް މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
ޕޯޗުގަލްއިން ލަނޑު ޖެހިތާ މާ ގިނަ އިރެއް ނުވެ ގާނާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެންޑްރޫ އާޔޫއެވެ. މެޗުގައި ދެން ލަނޑު ޖެހީ އަނެއްކާވެސް ޕޯޗުގަލްއިންނެވެ. އެގޮތުން އެޓީމުން ވަނީ ފުލުފުލުގައި ދެ ލަނޑު ޖަހާ 3-1 އެއްގެ ލީޑެއް ނަގާފައެވެ. މެޗުގެ 78 ވަނަ މިނެޓްގައި ހާއޯ ފީލިކްސް ލަނޑެއް ޖެހި އިރު ކުޅެން އެރިތާ މާގިނަ އިރެއް ނުވެ ފޯވަޑް ރަފައެލް ލިއޯ ވަނީ މެޗުގެ 80 މިނެޓްގައި ލަނޑެއް ޖަހާފައެވެ.
މިހާ ހިސާބުން މެޗު ނިންމާލާ ޕޯޗުގަލްއިން ކުޅުންތެރިން ބަދަލުކޮށް ހެދި ނަމަވެސް ގާނާއިން ވަނީ މެޗުގެ 89 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯގެ ފަރަގު 3-2 އަކަށް ކުޑަކޮށްފައެވެ. އިތުރު ވަގުތުގެ ގޮތުގައި 9 މިނެޓް ދިން ނަމަވެސް މި މެޗު ނިމުނީ 3-2 އަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
ޕޯޗުގަލްއަށް ލިބުނު މި މޮޅާއެކު އެޓީމު މިވަނީ ގްރޫޕް އެޗްގެ އެއް ވަނައަށް ޖެހިލާފައެވެ.
މިރޭ ދެން އޮތީ މުބާރާތް ގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ބްރެޒިލް ގަތަރު 2022 ގައި ކުޅޭ ފުރަތަމަ މެޗެވެ. ގްރޫޕް އެފްގެ މި މެޗުގައި ބްރެޒިލް ނިކުންނާނީ ސާބިއާ ދެކޮޅަށެވެ.