ގަތަރުގައި ބާއްވަމުންދާ ފީފާ ވޯލްޑް ކަޕް މެޗުތައް ހުޅުމާލެގައި ދެއްކުމުގެ ގޮތުން "ބޯޅަފޯރި"ގެ ނަމުގައި ސްކްރީން ބަހައްޓައިގެން މެޗްތައް ބެލޭގޮތަށް ހަމަޖައްސާފައިވާ ހިޔާ ސަރަހައްދުގައި މާދަމާ ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ހުޅުމާލެގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނު ބަހައްޓައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައެވެ.
އެޗްޑީސީން ބުނީ، އެ ސަރަހައްދުގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މާދަމާ ހަވީރު 5:00 އިން 6:00 އަށް ހިޔާ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރަކާއި އެކު ރޮބޯމޭންގެ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ނެށުމުގެ ތަފާތު ހުނަރުތަކެއް ދައްކަމުން އަންނަ "ދަ ރޮބޯ މޭން" އަކީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ރޮބޯ މޭންގެ ހުނަރުތައް މާލޭގައި ބާއްވާ އެކި އިވެންޓުތަކުން ފެނިގެން ގޮސްފައިވާ އިރު، ރޮބޯ މޭންއަށް އެންމެ ބޮޑު ތަރުހީބެއް ލިބެނީ ކުޑަކުދިންގެ ފަރާތުންނެވެ.
ފުޓްބޯޅަ ފޯރީ ކުރިއަށްދާ ހިޔާ ސަރަހއްދުގައި ރިބޯ މޭން ޕާފޯމް ކުރުމަކީ ގިނަ ކުޑަކުދިންތަކެއްގެ ހިތަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އާންމުން ބޭނުންވާ ކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމަށެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިއުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.