ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓާޕޯލްގެ ހެޑް ކުއާޓަރުގައި މަސައްކަތް ކުރައްވާނެ ފުރަތަމަ ދިވެހި ފުލުހަކީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޟްވާން ޝަރީފް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް، އެކަމުގެ ލިޔުން ރިޟްވާން ޝަރީފަށް އަރުވަމުން ސީޕީ ހަމީދު ވިދާޅުވީ ރިޟްވާން މަސައްކަތްކުރާނީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ކަމަށާއި ތިން އަހަރުގެ ރިޟްވާންގެ ޓާމް ފެށޭނީ އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ދިވެހި ފުލުހަކަށް ފުރުސަތު ލިބިފައިވާކަން ހަމީދު އިއުލާނު ކުރެއްވީ އޮކްޓޯބަރު 18 ވަނަ ދުވަހުއެވެ.

ސީޕީ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ފުލުހުންގެ ދިދަ އުފުލާލައި ފުލުހުންގެ ގާބިލްކަން އިތުރަށް ކުރިއަރުވަން މަގުފަހިވެގެން ދާނެ ކަމަށެވެ.