އިއްޔެ ސައުދީ އަރަބިޔާއިން ފުޓްބޯޅައިގެ ގިނަ ތަރިންތަކެއް ތިބި އާޖެންޓީނާ ބަލި ކުރުމުން، ސައުދީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ރޯލްސް-ރޮއީސް ކާރެއް ދެނީ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފެތުރި ހަބަރަކީ އަސްލެއް ނޫނެވެ.

ސައުދީގެ އެއްވެސް އޮފިޝަލަކު އަދި ސައުދީ ސަރުކާރުން މިވާހަކަ ދައްކާފައި ނުވާ އިރު، 460،000 އެމެރިކާ ޑޮލަރުގެ ރޯލްސް-ރޮއީސް ކާރެއް ކޮންމެ ކުޅުންތެރިއަކަށް ދޭ ވާހަކަ ދައްކައިގެން އުޅެނީ ކާކުހެއްތެވެ.

"ދަ ވީކް" ކިޔާ އިންޑިއާ ނޫހެއްގައި ސައުދީ ޓީމު މޮޅުވި ހަބަރު ނިންމަމުން އިންޑިއާގެ ވިޔަފާރިވެރިއަކު އަދި ކޮލަމް ލިޔާ ސުހޭލް ސެތް ބުނާ ބުނުމެއް، ސައުދީ ވަލީއަހުދާ ހަވާލާ ދީ ބައެއް މީޑިއާތަކުގައި ލިޔުނީއެވެ. އެ ކޮލަމިސްޓް ބުނެފައި ވަނީ، ވަލީ އަހުދު ސައުދީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ދެން ކާރެއް ދޭނެ ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއަކަށް 1 ބިލިއަން ޑޮލަރުވެސް ދޭނެ ކަމަށް އޭނާ ބުނެފައި އޮވެއެވެ.

ނަމަވެސް މިއީ، ސައުދީގެ އެއްވެސް މަސްދަރަކާ ހަވާލާދީ ބުނެފައި އޮތް ވާހަކައެއް ނޫނެވެ.

ސައުދީ ޓީމުން 2-1 އިން އާޖެންޓީނާ ބަލި ކުރީމައި، ސަރުކާރުން ކުރި ކަމަކީ، މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ހެދުމެވެ. އެކަން ސައުދީގެ އޮފިޝަލުން ރޭ އިއުލާން ކުރެއްވިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި 2-1 އަކުން ސައުދީން ކާމިޔާބު ކުރި މެޗުގެ ފުރަތަމަ ހާފްގައި މުޅިންހެން އާޖެންޓީނާ އިން ކުޅުނު އިރު 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގާ ދިނީ ކެޕްޓަން ލިއަނަލް މެސީއެވެ. މިލަނޑާއެކު މެސީ ވެގެން ދިޔައީ ވޯލްޑްކަޕްގެ ހަތަރު މުބާރާތުގައި ލަނޑު ޖެހި އާޖެންޓީނާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ނަމަވެސް ދެވަނަ ހާފްގައި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ އިރު ދެވަނަ ހާފް ފެށިތާ ތިން މިނެޓްގެ ތެރޭގައި ސައުދީން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސަލާހް އަލް ޝެހްރީއެވެ.

މެޗުގައި ދެން ވެސް ލަނޑު ޖެހީ ސައުދީންނެވެ. ސަލާމް އަލްދައުސަރީ މެޗުގެ 53 ވަނަ މިނެޓްގައި ޖެހި ލަނޑަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ލަނޑެވެ.

އެއަށް ފަހު މެޗުގައި މުޅިހެން އާޖެންޓީނާ ކުޅުނު ނަމަވެސް ސައުދީން ވަނީ ހިތްވަރު ގަދަ ކުޅުމެއް ދައްކާ މި ނަތީޖާގައި މެޗު ނިންމާލާފައެވެ. މިއީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހާއިރާން ކުރުވަނިވި އެއް ނަތީޖާއަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ސައުދީއަށް އާޖެންޓީނާ ބަލި ކުރެވިފައި ނުވާތީއެވެ.

މި މޮޅާއެކު ސައުދީ މިވަނީ ގްރޫޕް ސީގެ އެއްވަނައަށް ޖެހިލާފައެވެ. އަދި އާޖެންޓީނާ އޮތީ ގްރޫޕް ސީގެ ދެވަނައިގައެވެ.