މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރާއިރު ނަގާ ޓެރިފް ކުޑަކުރަން މަޝްވަރާ ކޮށްފިއެވެ.

އެ މަޝްވަރާ ކުރައްވާފައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމުގައެވެ.

އެ ވަފުދުގެ ބޭފުން ރާއްޖެ ވަޑައިގެން އުޅުއްވަނީ ހަ ވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެވަޑައި ގެންނެވުމަށް ކަމަށް ވާއިރު ރައީސް އާ މިއަދު މެންދުރުފަހު ބައްދަލު ކުރައްވާފައި ވަނީ ރައީސް އޮފީހުގައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދެނިސް ޗައިބީ އާއި އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އާއި އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒާ އާއި ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޮލްގަރ ލޯތާ އާއި ނެދަލެންޑްސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބޮނީ ހާބޯކް އާއި އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓާ ޗިއުޑިއާ އަދި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ އެ ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްއާއި ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ އެޖެންޑާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އީޔޫގެ ވަފުދުގެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަ ކުރައްވައި ރާއްޖެއާ އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން، އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސް ދައުރު ވަފްދުގެ ބޭފުޅުން ފާހަގަ ކުރެއްވި އިރު އދ ގެ ހިއުމަން ރައިޓްސް ކައުންސިލު (ޔޫއެންއެޗްއާރުސީ) ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބު ކޮށްފައި ވާތީ އެކަން ފާހަގަ ކުރައްވައި އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަފުދުގެ ބޭފުޅުން ވަނީ ޔޫއެންއެޗްއާރުސީ މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރައްވާފައެވެ.