31 މިލިއަން ރުފިޔާ އަށް ހެލްތު މިނިސްޓްރީން 13 ލޯންޗު ގަންނަން ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފިއެވެ.

ލޯންޗު ގަންނަން ހެލްތު މިނިސްޓްރީން ސޮއިކޮށްފައި ވަނީ ގަލްފް ކްރާފްޓް ކުންފުންޏާ އެކުގައެވެ.

ހެލްތު މިނިސްޓްރީން ބުނީ، 13 ލޯންޗު ގަންނަން އެ މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ވޯލްޑް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ "ކޮވިޑް-19 އިމާޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނެސް" މަޝްރޫއުގެ ދަށުން ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ލޯންޗުތައް ހެލްތު މިނިސްޓްރީ އަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރު ކޯސްޓާސް އެލިއޯޕްލަހެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި ލޯންޗުތައް ބޭނުންކުރާނީ އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި، އައުޓްރީޗް ޕްރޮގްރާމް ހިންގުމުގެ އިތުރުން، އިމާޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށެވެ.

"މިކަމުގެ ސަބަބުން މިވަގުތު ލެބޯޓަރީ ނެތް ރަށްރަށުންނާއި ބައެއް ޓެސްޓުތައް ނެހެދޭ ލެބޯޓަރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެ، އަދި ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ހިދުމަތާއި، އަދި އެނޫންވެސް ޙިދުމަތްތަކާ އެކު އައުޓްރީޗް ޕްރޮގްރާމްތައް އެ އަތޮޅެއްގެ ރަށްތަކަށް ހިންގުމަށް ފަސޭހަވެގެން ދާނެ." މިނިސްޓްރީން ބުންޏެވެ.

މިހާރު ވެސް ހާލުބޮޑު ބަލިމީހުން އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެ އަށް ގެނެސް ފަރުވާ ދިނުމަށްޓަކައި ސީ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ ލޯންޗު ފަހަރެވެ.