އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާކޮށް ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ބަހުސްކުރާނެ މެންބަރުން ނެތި، ސައި ގަޑީގެ ކުރިން މިއަދު ވެސް ޖަލްސާ މެދުކަނޑާލައިފިއެވެ.
ސައި ގަޑި އަށް ފަހު 11 އިން ފެށިގެން ޖަލްސާ ކުރިއަށް ދާއިރު، މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާ ފަށާފައި ވަނީ ވެސް ފަށަން އޮންނަ ގަޑީގެ ފަސް މިނެޓު ފަހުންނެވެ. ޖަލްސާ ފެށިއިރު ތިއްބެވީ އެންމެ 22 މެންބަރުންނެވެ. ނަމަވެސް މެންބަރުން ހާޒިރުވެވަޑައިގަތީ ގަޑިޖެހިގެން ކަމަށާއި، އަދި ރަނގަބީލުގެ ވެސް ފަހުގައި ކަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މި މަހުގައި ކުރިއަށް ދަނީ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމެވެ. ބަޖެޓު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސްކުރަން މި ހަފްތާގައި ފަށާފައިވާއިރު، އިއްޔެ ބަޖެޓަށް ވާހަކަ ދެއްކެވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެކަންޏެވެ. ބަޖެޓަށް ބަހުސްކުރައްވަން ބޭނުންވާ މެންބަރުން ފުރުސަތަށް އެދިވަޑައިގަތުމަށްޓަކައި އިއްޔެ 2 ޖަހަންދެން ފުރުސަތު ދިން އިރު، 35 މެންބަރަކު ފުރުސަތަށް އެދިވަޑައިގެންފައިވާ ކަމަށް ރިޔާސަތުން އިއްޔެ ވިދާޅުވިއެވެ.
ނަމަވެސް، މިއަދުގެ ޖަލްސާ ފެށުނު އިު ޖަލްސާ އަށް 22 މެންބަރުން ހާޒިރުވެވަޑައިގެންނެވިއިރު، އޭގެ ތެރެއިން ވެސް ބަހުސްގައި ބައިވެރިވެވަޑައިގަތީ އެންމެ 10 މެންބަރުންނެވެ.
ނަޝީދު ވިދާޅުވީ، ބަޖެޓު ބަހުސް މިއަދާއި އަންނަ ހޯމަ ދުވަހު ކުރިއަށް ގެންގޮސް، ހޯމަ ދުވަހު ބަޖެޓު ފާސްކުރުމަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
ސައި ގަޑި އަށް ފަހު 11 ގައި މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދެވުމުގެ ކުރިން، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ބަޖެޓަށް ބަހުސްކުރައްވަން އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުން ވެސް ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވުން މުހިންމު ކަމަށެވެ.
"މި ބަހުސަށް އެދިވަޑައިގެންފައިވާ އިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން، އެ ބޭފުޅަކަށް ފުރުސަތު ލިބިވަޑައިގަންނަވާއިރު މިތާ ވަޑައިގެން ނެތިއްޔާ އަޅުގަނޑަށް ހަމަ މި ބަހުސް ނިންމަން އެބަޖެހޭ. އެހެންވީމާ އެ ފުރުސަތު ކެންސަލްވެގެން ހިނގައިދާނެ ވާހަކަ ދަންނަވަން."
މިހާރު ކުރިއަށްދާ ބަހުސްގައި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދަށް ފަހު، ރިޔާސަތުން ފުރުސަތު އަރުވާފައި ވަނީ މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރަށެވެ. ނަމަވެސް މެންބަރު ހާޒިރުވެވަޑައިގެންފައި ނެތުމުން، ނަސީރުގެ ފުރުސަތު ދެއްވާފައި ވަނީ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނަށެވެ.
ޣައްސާނަށް ފުރުސަތު ދެއްވުމުގެ ކުރިން އަފީފް ކުރިން ދެއްކެވި ވާހަކަ ވަނީ ތަކުރާރު ކުރައްވައިފައެވެ.
"އެހެންވީމާ ދެން ވާހަކަފުޅު ދައްކަވާ އިއްޒަތްތެރި މެންބަރު ވާހަކަފުޅު ދައްކަވާއިރު އެ އިއްޒަތްތެރި މެންބަރު ވަޑައިގެން ނެތިއްޔާ އެ އިއްޒަތްތެރި މެންބަރުގެ ފުރުސަތު ގެއްލޭނެ." އަފީފް ވިދާޅުވިއެވެ.