ގަތަރުގައި މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް ފުޓްބޯލް މުބާރާތުގައި މިއަދު ވެސް ހަތަރު މެޗު ކުޅޭނެއެވެ. މިގޮތުން މުބާރާތް ހޯދާނެ ކަމަށް ގިނަ ބަޔަކު ބުނާ ޖަރުމަނާއި އަދި ސްޕެއިންގެ ކުޅުން މިއަދު ފެންނާނެ އިރު ގްރޫޕް އީ އަދި އެފްގެ މެޗުތައް ކުޅޭނެއެވެ.
މެންދުރު 3 ޖަހާ އިރު މޮރޮކޯ-ކްރޮއޭޝިޔާ
2018 ވަނަ އަހަރު ވޯލްޑްކަޕް ފައިނަލްގައި ފްރާންސް އަތުން ބަލިވި ކްރޮއޭޝިޔާ މިފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރާނީ މޮރޮކޯއާއެވެ. މިއީ މިމުބާރާތުގައި ގްރޫޕްގެ ޓީމުތަކުން ކުޅޭނެ ފުރަތަމަ މެޗަށް ވާ އިރު ކޮރޮއޭޝިޔާއިން ބޭނުންވާނީ ފެށުން ރަނގަޅުކޮށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހިކުރުމަށެވެ.
މުބާރާތުގައި މުސްލިމް ގައުމުތަކުން މިހާތަނަށް ދެއްކި ކުޅުމުން މޮރޮކޯއަށް ފިލާވަޅުގެ އިތުރުން ހިތްވަރު ވެސް ލިބޭނެއެވެ. ގަތަރާއި އީރާނުން އެކުއާޑޯއާއި އިންގްލޭންޑްގެ އަތް ދަށުވި ނަމަވެސް މިއީ އެންމެން ވެސް ލަފާ ކުރި ނަތީޖާތަކެވެ. މިއާ ހިލާފަށް ގަދަފަދަ އާޖެންޓީނާ 2-1 އަކުން ސައުދީން އިއްޔެ ބަލިކުރި އިރު މިއީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ. އަނެއްކޮޅުން، ޔޫރަޕްގެ ތަޖުރިބާކާރު ޓީމު ޑެންމާކް 0-0ގެ ސްކޯލައިނަކުން ހިފެހެއްޓުމަކީ ޓިއުނީޝިއާއަށް ރަނގަޅު ނަތީޖާއެކެވެ. މޮރޮކޯއިން ވެސް އުއްމީދުކުރާނީ މިފަދަ ނަތީޖާއަކަށެވެ.
ހަވީރު 6 ޖަހާ އިރު: ޖަރުމަނާއި-ޖަޕާން
މީގެ ހަތަރު އަހަރު ކުރިން ކުޅުނު ވޯލްޑްކަޕް މުބާރާތަކީ ޖަރުމަނާއި ހަނދާން ނައްތާލަން ބޭނުންވާނެ މުބާރާތެކެވެ. އެފަހަރު ގްރޫޕް ސްޓޭޖުން އެޓީމު ކެޓި އިރު މިފަހަރުގެ އަމާޒަކަށްވާނީ ދެވަނަ ބުރަށް ދިއުމެވެ. މިފަހަރުގެ މުބާރާތުގެ އެންމެ އުނދަގޫ ގްރޫޕްގައި ޖަރުމަނާއި އޮތް އިރު އެޓީމަކީ މުބާރާތުގައި ކުޅޭ އެންމެ ހުނަރުވެރި އެއް ޓީމަށްވާނެއެވެ. ޒުވާން ކުޅުންތެރިންނާއި އެކު ތަޖުރިބާކާރު ކުޅުންތެރިން ވެސް ފެންނާނެ އިރު ޖަރުމަނާއި ބޭނުންވާނީ ފެށުން ރަނގަޅު ކުރާށެވެ.
މި ގްރޫޕްގައި ދެން އޮތީ ސްޕެއިން އާއި ކޮސްޓާ ރީކާ ކަމަށްވާ އިރު ޖަރުމަނާއި އާއި ދެކޮޅަށް ޖަޕާނުން ކުޅޭ މިއަދުގެ މެޗަކީ އުނދަގޫ ގްރޫޕެއްގައި އެގައުމަށް ކުރިމަތިވާނެ އެންމެ އުނދަގޫ މެޗެވެ. އެހެން ނަމަވެސް ޖަޕާނަކީ ވޯލްޑްކަޕްގެ ތަޖުރިބާ އޮތް ގައުމަކަށްވާ އިރު އެޓީމުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިންވެސް ހިމެނެއެވެ.
ރޭގަނޑު 9 ޖަހާ އިރު: ސްޕެއިން-ކޮސްޓާރީކާ
ގްރޫޕް އީގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ކޮސްޓާ ރީކާއާ ދެކޮޅަށް ނިކުންނަ އިރު މިއީ މިގްރޫޕްގައި އެޓީމަށް ކުރިމަތިވާނެ އެންމެ ފަސޭހަ މެޗު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ސްޕެއިންގެ ސްކޮޑްގައި ވެސް ޒުވާން ކުޅުންތެރިންނާއި އެކު ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ އިރު ކޯޗު ލުއިސް އެންރީކޭ ބޮޑަށް ބުރަ ވާނީ ޒުވާން ކުޅުންތެރިންނަށްތޯ ނުވަތަ ތަޖުރިބާކާރުން ކުޅުންތެރިންނަށްތޯ ބުނަން ދައްޗެވެ. ކޮންމެ ގޮތެއް ވިޔަސް މުބާރާތަށް ސްޕެއިން ގެންދިޔައީ ނަތީޖާ ނެރެވޭނެ ފަދަ މޮޅު ޓީމެކެވެ.
ކޮސްޓާ ރީކާއަށް މި ގްރޫޕްގައި އޮތީ ހުސް އުނދަގޫ މެޗެވެ. އެހެން ނަމަވެސް އިއްޔެ ސައުދީން އާޖެންޓީނާ މައްޗަށް ހޯދި ކާމިޔާބީން ހިތްވަރު ލިބިގެން ޖެހިލުން ކުޑަ ކުޅުމެއް ދައްކަން އެޓީމު ވެސް ތައްޔާރުވާނެ ކަން ޔަގީނެވެ.
ދަންވަރު 12 ޖަހާ އިރު: ބެލްޖިއަމް-ކެނެޑާ
މުބާރާތުގެ ދެތިން ދުވަސް ކުރިން ބެލްޖިއަމްއިން މިސްރާއި ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗެއް ކުޅުނު އިރު މިސްރުގެ ޓީމުން ހާއްސަކޮށް ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ބެލްޖިއަމް ލަދުގަންވާލާފައެވެ. މިމެޗުން 2-0 އަކުން ބެލްޖިއަމް ދަށްވި ނަމަވެސް އެގައުމަށް މެޗުގައި މާމޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ބެލްޖިއަމްގެ ސަޕޯޓަރުން އުއްމީދުކުރާނީ އެ ބަލި ހަނދާން ނައްތާލާ އެޓީމުން ފެށުން ރަނގަޅު ކުރާނެ ކަމަށެވެ.
މިއީ 36 އަހަރަށް ފަހު ކެނެޑާއިން ވޯލްޑްކަޕް މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ވޯލްޑްކަޕްގައި ނޯތް އެމެރިކާ ތަމްސީލު ކުރާ އެހެން ގައުމުތައް ކަމަށްވާ އެމެރިކާ އަދި މެކްސިކޯއިން ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެފައި ނުވާ އިރު ކެނެޑާއިން މަސައްކަތް ކުރާނީ 1986 ވަނަ އަހަރަށް ފަހު ކުޅޭ ފުރަތަމަ ވޯލްޑްކަޕް މެޗުން މޮޅެއް ހޯދުމަށެވެ.
އިއްޔެގެ ނަތީޖާތައް
މެޗްޑޭ 3 ގައި ފެނުނު އެންމެ ހައިރާންކުރުވަނި ނަތީޖާ އަކީ ސައުދީން އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީއެވެ. އެއަށް ފަހު ފްރާންސް ކޮޅަށް އޮސްޓްރޭލިޔާއިން ފުރަތަމަ ލަނޑު ޖެހުމުން އެންމެ ފަހުގެ ޗެމްޕިއަނުން ވެސް ސިހިގެންދާނެ ކަމަށް ބެލުވުނު ނަމަވެސް ޓީމުގެ ތަރިންނާއި ތަޖުރިބާގެ އަލީގައި ފަހަތުން އަރާ 4 ލަނޑު ޖަހާ ފްރާންސްއިން ފެށުން ރަނގަޅުކުރިއެވެ.
އިއްޔެ ދެން ކުޅުނު ދެ މެޗުގައި ވެސް ލަނޑެއް ޖަހާފައި ނުވާ އިރު ޓިއުނީޝިއާ އަދި ޑެންމާކް ކުޅުނު މެޗާއި ޕޮލެންޑް އަދި މެކްސިކޯ ކުޅުނު މެޗު ނިމުނީ 0-0 އެއްވަރުވެގެންނެވެ.