އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ދެމަފިރިއަކު އެމީހިންގެ އަންހެން ދަރި މަރާލައި ސޫޓުކޭސް އަކަށް ލައި ހައިވޭ އަކަށް އެއްލާލައިފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މިހާދިސާ ހިނގާފައި ވާ ކަމަށް މިހާތަނަށް ފާހަގަ ވެފައި ވަނީ އާއިލާގެ ނަން ހުތުރު ވާތީ، ކުރި ކަމެއްގެ ގޮތުގައެވެ. އިންޑިއާގައި އާއިލާގެ ނަމާއި ޝަރަފާއި ގަދަރަށްޓަކައި ޒުވާން އަންހެނުންނާއި ފިރިހެނުން މެރުމުގެ މައްސަލަތަކަކީ ތަކުރާރު ވަމުން އަންނަ މައްސަލަތަކެވެ. އާއިލާއިން ނުވަތަ މަންމަ އާއި ބައްޕަ ނުރުހޭ މީހަކާއި ދަރި އިންނަން އުޅުން ފަދަ ކަންކަމަކީ، އެ އާއިލާއެއްގެ ނަމަށް ނުވަތަ ހައިބަތަށް އުނިކަން އަންނަ ކަންކަމުގެ ގޮތުގައި ދެކޭ ސަގާފަތެއް އިންޑިއާގައި ދެމިގެން އާދެއެވެ.

ފުލުހުން ބުނީ، ސޫޓްކޭސް އަށް ލައި އެއްލާލައިފައި އޮތް އަންހެން މީހާ އަކީ އުމުރުން 22 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ބޮލަށް އަނިޔާއެއް ދީ ހަށިގަނޑުގެ އެތަން މިތާނގައި ޒަހަމް ހުރި އިރު މެޔަށް ދެފަހަރަށް ބަޑިޖަހާފައިވެސް ހުރި ކަމަށެވެ. އަދި މި ނުލަފައި ޖަރީމާ ހިންގީ އެ އަންހެން މީހާގެ މަންމަ އާއި ބައްޕަ ކަމަށް ޔަގީން ކުރެވޭ ކަމަށާއި މިހާރު ބައްޕަގެ އަތުން ބަޑިގެންގުޅުމުގެ ލައިސަލްސް އަތުލައި ދެމީހުން ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

މި 2 މީހުން ހައްޔަރު ކުރި ނަމަވެސް، ދެމީހުން ކުރެ އެކަކުވެސް އެކަމަކާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ. ފުލުހުން މިހާރު އަންހެން މީހާގެ ޕޯސްޓްމޯޓަމް ހަދާފައި ވާ އިރު މި އަންހެން މީހާ އަކީ ދިއްލީގެ އަމިއްލަ ކޮލެޖެއްގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށާއި އޭނާ ދިރިއުޅުނީ މަންމަ އާއި ބައްޕަ އާ އެކު ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އަންހެން މީހާގެ ކައިވެންޏާ ގުޅޭ ގޮތުން، މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޭނާގެ ބައްޕައާ ޒުވާބެއް ހިނގާފައި ވާ ކަމަށާއި، މައިންބަފައިން ނުގަބޫލު ވީ، އަންހެން މީހާ ހިތާވެގެން އުޅުނު ފިރިހެން މީހާ އަކީ އެމީހުންނާ އެއް ހައިސިއްޔަތެއް ހުރި މީހަކަށް ނުވާތީ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.