އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމަށް މަޖިލިހުން ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގު ކޮށްފައި ވާއިރު ވިޔަފާރި ތަކުން ޓެކްސް ނަގަން ފަށާނެ ގޮތް މީރާއިން އަންގައިފިއެވެ.

މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މުދަލާއި ހިދުމަތުން ނަގާ ޓެކްސް އަންނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް އަންނައިރު ވިޔަފާރިތަކުން ޓެކްސް ނަގަން ފަށާނީ އެއްވަނަ ދުވަހު ވިޔަފާރި ފަށާ ގަޑިއަކުން ފެށިގެންނެވެ.

މިއީ 24 ގަޑިއިރު، ހިދުމަތް ނުދޭ ވިޔަފާރިތަކުން އަމަލު ކުރަން ޖެހޭ ގޮތެއް ކަމަށް މީރާ އިން ބުނެއެވެ.

މީރާއިން ބުނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ މެންދަމު 00:00ގެ ކުރިން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ވާނީ ބޮޑު ރޭޓުގައި ކަމަށެވެ.

މީގެ އިތުރުން ބޮޑު ކުރި ޓެކްސް ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ހިދުމަތުގައި އެ ތާރީހުން ފެށިގެން އާ ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކުރުމާއެކު ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުވާނެއެވެ. އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އިތުރުވާނެއެވެ.