އޮސްޓްރޭލިއާންގެ ސިޑްނީގެ އަންހެންވެރިންނަށް ބިރުވެރިކަމަކަށް ވެފައި ވި ރޭޕިސްޓް 40 އަހަރުފަހުން ދެނެގެންފިއެވެ.

ކެއިތް ސިމްސް ނަމަކަށް ކިޔާ މީހާ، 1985 އިން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް 31 އަންހެނަކު ވަނީ ރޭޕް ކޮށްފައެވެ. އޮފިޝަލުން ބުނާ ގޮތުގައި އޭނާ އެކަން ކުރަނީ، ގަދަ ކަމުން ގޭގެއަށް ވަަދެގެންނާއި އަންހެންވެރިން އެކަނި ކަސްރަތަށް ނުކުމެ އުޅޭ ގަޑީގައި ހިފަހައްޓާބަހައްޓާފައެވެ.

ފުލުހުން ރޭޕިސްޓް ދެނެގަތީ، ޑީއެންއޭ ޓެސްޓްތަކަކުންނެވެ. ކުރިން ފުލުހުން ގަބޫލު ކުރީ، އެހާ ގިނަ ބަޔަކު ރޭޕް ކުރުމުގައި ގިނަ ބަޔަކު ޝާމިލުވެފައި ވެދާނެ ކަމަށެވެ. ނަމަވެސް ޑީއެންއޭގެ އެހީގައި ރޭޕިސްޓް ދެނެގަނެ އޭނާގެ ސިފަ ވެސް ވަނީ ކުރަހާފައެވެ.

ފުލުހުން ބުނާ ގޮތުގައި، ރޭޕިސްޓް މަޝްހޫރުވެފައި ވާ ދެ ނަމެއް އޮވެއެވެ. އެއް ނަމަކީ، "ބޮންޑީ ބީސްޓް" އެވެ. ދެވަނަ ނަމަކީ، "ޓްރެކްސޫޓް ރޭޕިސްޓް" އެވެ. އޭނާ އެންމެ ފުރަތަމަ މީހަކު ރޭޕް ކުރީ، އޮސްޓްރޭލިއާގެ ކްލޮވެލީގައި 1985 ގައެވެ. އެންމެ ފަހުން އެފަދަ ހާދިސާއެއް އޭނާ ހިންގީ ހަމަ އެސަރަހައްދާ ކައިރި ގަބުރުސްތާނެއް އޮތް ސަރަހައްދެއްގައި 2001 ގައެވެ.

ރޭޕްގެ ޝިކާރައަކަށް ވި މީހުންގެ ޑީއެންއޭ ދިމާކުރުމުގެ މަސައްކަތް ފުލުހުން ފެށީ 2000 ވަނަ އަހަރު ކަމަށާއި 12 މީހެއްގެ ޑީއެންއޭ ބެލި އިރު ދިމާވުމުން އިތުރަށް ބެލިބެލުމުން 19 މީހަކު ރޭޕް ކުރުމުގައި ރޭޕިސްޓް އަމަލު ކޮށްފައި ވާ ގޮތްތައް އެއްގޮތް ވި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މި މަސައްކަތް ކުރަމުން ދިޔަ އިރު ޑީއެންއޭ ކޮންމެވެސް ވަރަކަށް ދިމާވާ 324 މީހަކު ދެނެގަނެ ދިޔައީ ބަލަމުންނެވެ. ނަމަވެސް އެންމެ ބޮޑަށް ޑީއެންއޭ ދިމާވީ ސިމްސް އާ ކަމުން އެ މިސްރާބަށް ތަހުގީގު ބަދަލުކޮށް ކުރި މަސައްކަތުން އޭނާ ދެނެގަނެވުނެވެ.

މި ރޭޕިސްޓަކީ މީހަކާވެސް އިނދެގެން ކާފަ ދަރިންވެސް ތިބި މީހެއް ކަމަށާއި އޭނާގެ އުޅުމުގައި ޝައްކެއް އުފުދޭ އެއްވެސް ކަމެއް ފާހަގަ ނުވި ކަމަށް އޭނާގެ އާއިލާ އާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުންނަށް މި ރޭޕިސްޓް ދެނެގަނެވުނު އިރު އޭނާ ވަނީ އުމުރުން 66 އަހަރުގައި މިއަރުގެ ފެންރުއަރީގައި މަރުވެފައެވެ.