އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމަށް މަޖިލިހުން ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގުކޮށްފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކުރުމުން:

  • ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުވާނެ
  • ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އިތުރުވާނެ

ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމާފައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށް ބުނެއެވެ.

ޓެކްސް ބޮޑުކުރާ ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ބިލަށް ހުށަހެޅި ހުރިހާ އިސްލާހެއް ބޭރުކޮށްލުމަށް ފަހު، އެއްވެސް އުނި އިތުރެއް ނުގެނެސް، މިދިޔަ މަހުގެ 31 ގައި ވަނީ ފާސްކޮށްފައެވެ. އެ ބިލު ފާސްކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށް ބުނެ، ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމައި އެއަށް އަމަލުކުރަން ފަށާފައިވާއިރު، މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ބުނެ ލަފާދީފައެވެ. އެ އިދާރާ އިން ދީފައިވާ ލަފާގައިވާ ގޮތުން:

  • ޓެކްސް ބޮޑުކުރުމުން އިންފްލޭޝަން ރޭޓު 5.4 ޕަސެންޓަށް އިތުރުވާނެ
  • ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަގުތައް 2.2 ޕަސެންޓު އުފުލޭނެ
  • ޓެކްސް ބޮޑުކުރުމުން ފައިދާ އިތުރުކުރުމަށް ވިޔަފާރިވެރިން އަގުތައް ބޮޑުކުރާނެ
  • އެހެންކަމުން ތަކެތީގެ އަގު 2.2 ޕަސެންޓަށް ވުރެ ބޮޑުވުން އެކަށީގެންވޭ

އެ އިދާރާ އިން ބުނި ގޮތުގައި، ޓެކްސް ބޮޑުކުރުމުގެ ބޭނުމަކީ ހަރަދުތައް މެނޭޖްކޮށް ޑެފިސިޓް ކުޑަކުރުން ކަމުގައިވީ ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުން އެކަން ހާސިލެއް ނުވާނެއެވެ.