"ހުޅުމާލެ ޕްލޭނިން، އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވުމުން، ސަރުކާރުން ގާނޫނާ ހިލާފުވެއްޖެ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ މެދު ފިޔަވަޅު އެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެ ލަފައެއް މެންބަރުންނަށް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ވަނީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ ހުޅުމާލޭގައި އިމާރާތްކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް ހައުސިން މިނިސްޓްރީ އަށް 2018 ގައި ފޮނުވާފައެވެ. ނަމަވެސް، އެ ގަވައިދު ގެޒެޓުކޮށްފައި ނުވާކަން އެނގި، 2020 ގައި ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.

މައްސަލަ ދިރާސާކުރުމަށް ފަހު ކޮމިޓީން ފުރަތަމަ ނިންމީ މިނިސްޓްރީ އަށް ހަފްތާގެ މުއްދަތެއް ދިނުމަށެވެ. އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ކޮމިޓީން މިއަދު ތަޅުމަށް ހުށަހަޅާފައިވާއިރު ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމާނެއެވެ.

ގަވައިދު ކޮމިޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ކޮމިޓީ ރިޕޯޓް އިއްވެވުމުން، ނަޝީދު ވިދާޅުވީ، ގާނޫނުގައި ސަރުކާރުން އަމަލުކުރަން ޖެހޭ ގޮތް ސާފުކޮށް އެނގެން އެބައޮތް ކަމަށާއި، ގާނޫނަށް އަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށެވެ.

އެހެންކަމުން ސަރުކާރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ނަޝީދު މެންބަރުންނަށް ދެ ލަފައެއް ދެއްވިއެވެ.

"އެހެންވީމާ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގެންނެވުުމަށް ވެސް، ނުވަތަ ވަޒީރާ ގުޅޭގޮތުން ތި ބޭފުޅުން ނިންމަވާ ނިންމެވުން ނިންމެވުމަށް ވެސް."

މި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާ ވާހަކަ ދައްކަވައި މަޝްވަރާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އަސްލަމް ކަންތައްތައް ކުރެއްވި ގޮތާ މެދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އަސްލަމް ގާނޫނުއަސާސީ އާ ހިލާފުވެފައިވާ މިންވަރު ދެނެގަނެ މެންބަރުން ފިޔަވަޅު އަޅުއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނޫން ނަމަ، "މި ބާވަތުގެ ކޮމިޓީތައް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިޓީން މައްސަލަ ދިރާސާކޮށް ފާސްކުރި ރިޕޯޓުގައިވާ ގޮތުން، އެ މައްސަލައިގައި ކޮމިޓީން ނިންމާފައި ވަނީ، ގަވައިދު ގެޒެޓުކޮށް ހިފަހައްޓާފައި އޮތުމަކީ ގާނޫނީ ގޮތުން މިނިސްޓްރީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އަމަލަކީ ގާނޫނުއަސާސީ އާއި ގާނޫނީ ގޮތުން މަޖިލިހަށް އޮންނަ ބާރުތަކަށް އިހްތިރާމް ނުކުރުން ކަމުގައި ވެސް އެ ރިޕޯޓުގައި ވެއެވެ.

އެހެންކަމުން ކޮމިޓީން ނިންމާފައި ވަނީ، ރިޕޯޓް ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވައިދު ގެޒެޓްކުރަން ފޮނުވުމަށް ޕްލޭނިން މިނިސްޓްރީ އަށް އެންގެވުމަށެވެ.