ޗައިނާއަކީ އަބަދުވެސް ގައުމުގެ ރައްޔިތުން އަދި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލު ހިންގަމުން އަންނަ ހަރުކަށި ސަރުކާރެއް އޮންނަ ގައުމެކޭ މީހުން ކިޔަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެގައުމުގައި ދިރިއުޅޭ މުސްލިމުންގެ ކުޑަ އާބާދީ، ވީގޫރް ދަރިކޮޅުގެ މީހުންނާ ދޭތެރޭ ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ހިއުމަންރައިޓްސް ވޮޗް އިން ހާމަކޮށްފައިވާ ގޮތުން ޗައިނާގެ އާންމު ރައްޔިތުންނަށް ވެސް ސަރުކާރުން ދަނީ އެތަކެއް ފިއްތުން ތަކެއް ކުރިމަތި ކުރުވަމުންނެވެ.
ކޮރޯނާ ވައިރަސް ޕެންޑަމިކް އާ އެކު މި ފިއްތުންތައް ވަނީ އެތައް ގުނައެއް ބޮޑުކޮށްފައެވެ. މިގޮތުން ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީއަށް ވަނުމަށް ރައްޔިތުންނަށް މަޖުބޫރު ކުރުވުމާއި، ޕާޓީގެ ފިކުރާއި ހިޔާލު ތަފާތުވާ މީހުން ހިފާ ހައްޔަރުކޮށް ޖަލައްލައި ލާއިންސާނީ އަނިޔާތައް ދިނުން ވަނީ އާންމު ވެފައެވެ.
މިގޮތަށް އަނިޔާ ލިބުނު އެތައް ބަޔަކަށް ވަނީ ގައުމާއި އަދި ލޯބިވާ މީހުން ދޫކޮށް އެހެން ތަންތަނަށް ހިޖުރަ ކުރުމަށް މަޖުބޫރު ކުރުވާފައެވެ.
ޖެންގް ހީ މިއީ އަނިޔާ ތަހައްމަލު ކުރަމުންދާ އެތައް ހާސް މީހުންގެ ތެރެއިން އެކަކެވެ. ޖެން ހީ އަކީ ފިރިމީހާއާއި ދެދަރިންނާ އެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އައި އަންހެނެކެވެ. ނަމަވެސް ޖެންގް ހީ ގެ ހަޔާތް ބަދަލުކޮށްލީ ވީނުވީއެއް ނޭނގި ކުއްލިއަކަށް ފިރިމީހާ ހައްޔަރުކުރި ހިސާބުންނެވެ.
ޒިޝެންގް ހައްޔަރުކުރުން
ހާދިސާ ހިނގި ދުވަހު ޖެންގް ހީ ހުރީ އަންހެން ދަރިފުޅު ގްރޭސް ގޮވައިގެން ގޮސް ބޯކޮށާ ސެލޫނެއްގައެވެ.
ކުއްލިއަކަށް ސިއްރު ފުލުހުންގެ ފައުޖެއް އެތަނަށް ވަދެގަނެ އެމީހުންނާ އެކީ އައުމަށް އަމުރުކުރިއެވެ. ދަރިފުޅު ބޯކޮށައި ނިމެންދެން މަޑުކޮށްލަން އެދުމުން އެކަމަށް ވެސް ފުރުސަތު ނުދީ ދެމައިން އެތަނުން ނެރެގެން ގެންދިޔަ އިރު ތަނުގެ ބޭރުގައިވެސް ގިނަ އަދަދަކަށް ފުލުހުން ތިއްބެވެ. އެތަނުން ނެރެގެން އެމީހުން ދިރިއުޅޭ އެޕާޓްމަންޓަށް ގެންދިޔަ އިރު ތަން ފާސްކުރުމަށް އެތަނުގައި ވެސް ފުލުހުންގެ ފައުޖެއް އޮތެވެ. އަދި އެވަގުތު ޖެންގް ހީގެ ފިރިމީހާ އޭނާގެ ތިމާގެ މީހެއްގެ ގެއިން ހައްޔަރުކޮށްފި ކަމަށް ޖެންގް ހީ އަށް އެންގިއެވެ.
2006 ވަނަ އަހަރު މިހާދިސާ ހިނގި އިރު އެދުވަހަކީ ޖެންގް ހީގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުމުގެ ފެށުމެވެ.
ޖެންގް ހީ ގެ ފިރިމީހާ ގައޮ ޒިޝެންގް އަކީ ހައްގުތަކަށް ވަކާލާތު ކުރާ މީހެކެވެ. އަދި ކުރިން ކޮމިއުނިސްޓް ޕާޓީއަށް ވަރަށް ތާއީދުވެސް ކުރި މީހެކެވެ. ނަމަވެސް ޕާޓީ އިން ނުރުހޭ މީހުންގެ ދިފާއުގައި އޭނާ ވަކާލާތު ކުރަން ފެށި ހިސާބުން އެމީހުންގެ ޓާގެޓަކަށް އޭނާ ވިއެވެ.
2006 ގައި ގައޮ ޒިޝެންގް ހައްޔަރު ކުރުމަށް ފަހު އެކި ފަހަރު މަތިން ޖަލުގައި ބަންދުކުރުމަށް ފަހު އަނެއް ބައި ފަހަރު ގޭގައިވެސް ބަންދު ކުރެއެވެ. ނަމަވެސް ގޭބަންދަށް ދޫކުރިއަސް 24 ގަޑިއިރު ފުލުހުން އޭނާ އަށް ފާރަލުމަށް އެގޭދޮށުގައި ތިބެއެވެ. މިގޮތަށް ބަންދުކޮށްގެން އެތައް ދުވަހަކު ގެންގުޅުމަށް ފަހު ދެމަފިރިން އެހިސާބު ދޫކޮށް ދިޔުމަށް އެންގިއެވެ. ނަމަވެސް ޒިޝެންގް އާ ދެކޮޅަށް ކުރާ ތުހުމަތު ތަކުގެ ސަބަބުން އަންހެން ދަރިފުޅަށް ޖާގަދިނުމަށް އެއްވެސް ސްކޫލަކުން އެއްބަހެއް ނުވިއެވެ.
ޗައިނާ ދޫކޮށް ދާން މަޖުބޫރުކުރި!
އޭގެ ފަހުގައި ދެން ކަންތައްވީ އެމީހުން ދުވަހަކު ވެސް ވެދާނެ ކަމަށް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ސަރުކާރުން ޖެންގް ހީއަށް މަޖުބޫރުކުރީ ޗައިނާ ދޫކޮށް ދިޔުމަށެވެ. އަދި އެއީ ދެދަރިން ގޮވައިގެން ފިރިމީހާ ދޫކޮށްލާފައެވެ.
ހަޔާތުގެ އެ ހިތްދަތި ނިންމުން ކިޔައިދިން އިރު ޖެންގް ހީ އަށް ގިސްލާ ރޮވެއެވެ.
"އަހަރެންނަށް ޖެހުނީ ކުދިން ނޫނީ ފިރިމީހާ އިހްތިޔާރު ކުރަން. އެއީ ވަރަށް އުނދަގޫ ނިންމުމެއް. އަހަރެން އިހުތިޔާރު ކުރީ އަހަރެންގެ ދެދަރިން"
2009 ވަނަ އަހަރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްގެ އެހީއާ އެކު ޖެންގް ހީ އަދި ދެދަރިން ޗައިނާ ދޫކޮށް ތައިލޭންޑު މަގުން އެމެރިކާއަށް ދިޔައެވެ. އަދި އެމެރިކާއިން މި އާއިލާއަށް ހިމާޔަތް ދިނެވެ. ނަމަވެސް ބައްޕައާ ނުލައި ދިރިއުޅެން ޖެހުމުން ދަރިންތައް ވަރަށް ބިކަވެ ނަފްސާނީ ގޮތުން ވެސް ގެއްލުންވި ކަމަށް ޖެންގް ހީ ބުންޏެވެ.
މީގެ އިތުރުން ޖެންގް ހީ އަށް ޗައިނާ ބަސް ނޫން އިތުރު ބަހެއް ނޭނގުމާ އެކު އޭނާއަށް އެމެރިކާގައި ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
ނަމަވެސް މިއަދު އޭގެ 13 އަހަރު ފަހުން ކުދިންނަށް ވެސް މިވަނީ ރަނގަޅު ދިރިއުޅުމެއް ލިބިފައެވެ. އަންހެން ދަރިފުޅު ގްރޭސްގެ އުމުރުން 28 އަހަރުވެ އޭނާ މީހަކާ އިނދެ އަމިއްލަ ދިރިއުޅުމެއް ފަށާފައިވާ އިރު ފިރިހެން ދަރިފުޅު އަންނަނީ ޔުނިވާސިޓީގައި މެޑިސިން ކިޔަވަން ތައްޔާރުވަމުން ކަމުގައި ޖެންގް ބުންޏެވެ.
ޖަލުގައި އެތަކެއް އަނިޔާތަކެއް ދިންކަމުގެ ތުހުމަތު
13 އަހަރު ވަންދެން ޒިޝެންގް ވަނީ އެތައް ތަކުލީފުތަކެއް އުފުލާފައެވެ. މިގޮތުން ޖަލުގައި އޭނާއަށް ވަނީ ލާއިންސާނީ ބޮޑެތި އަނިޔާތައް ދީފައެވެ.
ވީނުވީއެއް ނޭނގި ޒިޝެންގް ގެއްލުމުގެ ކުރިން ބުނި ގޮތުގައި 2014 ވަނަ އަހަރު ޖަލު ހުކުމުން ސަލާމަތްވި އިރު އޭނާ ވަނީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވަރަށް ބަލިކަށި ވެފައެވެ. އަދި ޖަލުގައި ދިން އަނިޔާތަކުގެ ސަބަބުން ހުރިހާ ދަތްތަކެއް ވެސް ވަނީ ވަރަށް ބަލިވެ ވެއްޓެން ކައިރި ވެފައެވެ. މީގެ އިތުރުން ޖަލު ހުކުމުން މިނިވަން ވުމަށް ފަހުގައި ވެސް އޭނާ ވަނީ ގޭގައި ބަންދު ކޮށްފައެވެ.
ޖެންގް ހީ ފިރިމީހާ އަށް ގުޅޭތޯ އަބަދުވެސް މަސައްކަތް ކުރެއެވެ. އެގޮތުން މަދު ފަހަރެއްގައި ގުޅެއެވެ. އަނެއްބައި ފަހަރު ނުގުޅެއެވެ. ނަމަވެސް މީގެ ފަސް އަހަރު ކުރިން ކުރި ފޯނު ކޯލު އެއީ ފިރިމީހާއާ ވާހަކަ ދެއްކޭނޭ އެންމެ ފަހު ފަހަރު ކަމެއް ޖެންގް ހީ ހިތަކަށް ނާރައެވެ. އެދުވަހަށް ފަހު އޭނާގެ ފޯނަކަށް ނުގުޅެއެވެ. މަރުވީ ކަމެއް ނޫނީ ދިރިހުރި ކަމެއްވެސް ނޭނގެއެވެ.
ޖެންގް ހީ ގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފިރިމީހާ މަރާލުމަށް ފަހު ގުދުރަތީގޮތުން މަރުވީއޭ ބުނެ އެމީހުން ޒިންމާއިން ރެކެން އުޅެފާނެ ކަމުގެ ބިރެވެ. ކޮވިޑުގެ ބަލިމަޑުކަމާ އެކު ޖެންގް ހީގެ މި ބިރު ދެގުނަ ވިއެވެ.
ލަންޑަނުގައި ހުންނަ ޗައިނާގެ އެމްބަސީ އަށް ޒިޝެންގްގެ މައުލޫމާތު ހޯދުމަށް ބީބީސީ އިން ގުޅުމުން އެތަނުން އެކަމާ ޖަވާބުދޭން ދެކޮޅު ހެދިކަމަށް ބީބީސީ އިން ބުނެއެވެ.
ޒިޝެންގްއާ ދެކޮޅަށް ޗައިނާ ސަރުކާރުން ކުރި ލާއިންސާނީ ކެމްޕެއިންގެ ސަބަބުން އޭގެ ވޭން އޭނާގެ މުޅި އާއިލާއަށް މިވަނީ ތަހައްމަލު ކުރަން ޖެހިފައެވެ. އާއިލާގެ އެންމެންގެ އައިޑީ ކާޑުތައް ހިފަހައްޓާފައި ވުމުގެ ސަބަބުން ބޭސްފަރުވާ އާއި އެހެނިހެން ހިދުމަތްތައް ވެސް އެމީހުންނަކަށް ނުލިބެއެވެ. މިގޮތުން އެންމެ ފުރަތަމަ އޭނާ ބަންދުކުރީ އޭނާގެ ދައްތައެއްގެ ގޭގައެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއްގެ ފަހުން ޑިޕްރެޝަންގެ ޝިކާރައަކަށްވެ ދައްތަވަނީ އަމިއްލައަށް މަރުވެފައެވެ.
މިހާދިސާތަކުގެ ސަބަބުން އެމެރިކާގައި ދިރިއުޅެމުން ދިޔަ ޖެންގް ހީ އަށްވެސް ވަނީ ވަރަށް އަސަރު ކޮށްފައެވެ.
ފިރިމީހާއަށް އިންސާފު ހޯދައިދޭން އެތަކެއް މަސައްކަތެއް
ނަމަވެސް ޖެންގް ހީ ހިތްވަރު އެލުވައެއްނުލައެވެ. އާ އަޒުމަކާ އެކު ފިރިމީހާ ހޯދުމުގެ މަސައްކަތް ފަށައިގެން ދަނީ ކުރިއަށެވެ. މިއަހަރުގެ އޮގަސްޓު މަހަށް ޒިޝެންގް ވީނުވީއެއް ނޭނގި ގެއްލުނުތާ 3 އަހަރު ފުރުނު އިރު ޖެންގް ހީ އަންނަނީ އެކި ފެންވަރުގައި ކެމްޕެއިންތައް ކުރަމުންނެވެ. މިގޮތުން ލޮސްއެންޖަލިސްގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުގެ ބޭރުގައި ޒިޝެންގްގެ ފޮޓޯ ޕްރޮޖެކްޓަރުގައިވެސް އެޅުވިއެވެ.
މީގެ އިތުރުން ޗައިނާގެ ބެއިޖިން ގައި ޒިޝެންގް ހޯދުމުގެ މަސައްކަތުގައި ލޯޔަރުން ވެސް ވަނީ އައްޔަން ކޮށްފައެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލޯޔަރުންނަށް ދޭން ދެކޮޅުހަދައެވެ.
ޗައިނާގައި ނުހައްގުން މިގޮތަށް ޖަލަށް ލައިފައިވާ މީހުންގެ ސީދާ އަދަދެއް އެއްވެސް ބަޔަކަށް ނޭނގެއެވެ. ސަބަބަކީ އެމީހުން އެއްވެސް ވަރަކަށް ސިޔާސީ ހައްޔަރީން ތިބިކަމަށް އެއްބަސް ނުވުމެވެ.
ފިރިމީހާ ކުރަމުން އައި މަސައްކަތް އެއީ މިހާ ނުރައްކާތެރި ކަމެއް ކަން އެމެރިކާއަށް އައުމާ ހަމައަށް ވެސް ޖެންގް ހީ އަކަށް އަންދާޒާއެއް ނުކުރެވެއެވެ. ކޮމިއުނިސްޓު ޕާޓީ ފަދަ ބާރުގަދަ ޕާޓީއަކާ ދެކޮޅަށް ޖެންގް ހީ ކުރަމުން އަންނަ ކެމްޕެއިން ކާމިޔާބުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތަސް އޭނާ ހުރީ މިކަމުގައި ދޫދޭ ގޮތަކަށް ނޫނެވެ.
މީގެ އިތުރުން ޗައިނާގައި ހިންގަމުން މިދާ ލާއިންސާނީ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރާ އެތައް ބަޔަކާ ދިމާވެފައިވާ ކަމަށާއި، އޭނާގެ ކުޑަކުޑަ އާއިލާ އަށް އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހިފައިވިޔަސް މިއަދު އެކަހަލަ ބޮޑު އާއިލާއެއް ލިބިއްޖެ ކަމަށް ވެސް ޖެންގް ހީ ވަނީ ބުނެފައެވެ.
މީގެ އިތުރުން ދެމަފިރިންގެ އަންހެން ދަރިފުޅު ގްރޭސް އިސްނަގައިގެން ވެސް އަންނަނީ ބައްޕައަށް އިންސާފު ހޯދައިދިނުމަށް ވަރަށް ގިނަ ކެމްޕެއިންތައް ހިންގަމުންނެވެ.
ދުނިޔޭގެ އެއްމެ ލާއިންސާނީ ގައުމަކީ އިންޑިޔާ ދެވަނައިގާ އިޒުރޭލު ތިންވަނައިގާ ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީއެއް ކަމައްވާ އެމްޑީޕީގެއިސް މީހުން