ޕިލިޕީންސްގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ޕަގާސާ އައިލެންޑް ކައިރިން ފެނިގެން ޕިލިޕީންސުގެ ސިފައިން ކަފުޖަހައިގެން ގެންދިޔަ ރޮކެޓެއްގެ ބައެއް ޗައިނާގެ ކަނޑުގެ ސިފައިން އަތުލައިފިއެވެ.

ޕިލިޕީންސްގެ ސިފައިގެން ވައިސް އެޑްމިރަލް އަލްބާޓޯ ކާލޯސް ވިދާޅުވީ، ޕަގާސާ އައިލެންޑް ކައިރިން ކަނޑުމަތިން މާ ސިންގާ ދަގަނޑު އެތިގަނޑެއް އޮޔާދާތަން ފެނިގެން ކޯސްޓްގާޑުގެ ސިފައިން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި ކަފުޖަހައިގެން ޕިޕިޕީންސަށް ވައްދަށް އުޅެނިކޮށް ޗައިނާގެ ކަނޑުގެ މަނަވަރަކުން 2 ފަހަރަކު ހުރަސް އެޅި ކަމަށާއި، ކަފުޖަހާފައި އޮތް ވާ ކަނޑާލައި، އެ އެތިކަނޑު ޗައިނާގެ މަނަވަރުގެ ކޮންޓްރޯލަށް ގެންދިޔަ ކަމަށެވެ.

މިކަމާ ގުޅިގެން ޗައިނާއިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު، ޕިލިޕީންސުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެކަން ހިގާދިޔަ ގޮތެއް ސާފުކުރަން ޗައިނާ އާ ސުވާލު ކުރާނެ ކަމަށެވެ. ބައިނަލްއަގުޥާމީ ކަނޑުގެ ހަމަތައް ހުންނަ ގޮތުން، އެއްބައެއްގެ ސަރަހައްދަށް އަނެއް ބަޔަކު ވަންނަންޏާ ދުރާލާ ހުއްދަ ނަގަން ޖެހެއެވެ.

ޕިޕިޕީންސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކަނޑުން ފެނުނު އެ އެތިގަނޑަކީ، މިމަހުގެ ކުރީ ކޮޅު ޗައިނާއިން ޖައްވަށް އެރުވި ލޯންގް މާޗް 5ބީ ރޮކެޓްގެ ބައެކެވެ. ޗައިނާއިން އަރުވާ ރޮކެޓްތަކުގައި ބޭނުން ކުރާ ބޫސްޓަރު މީގެ ކުރިންވެސް ހުރީ ދުނިޔެއަށް ވެއްޓިފައެވެ. އަދި މި މަހު ޗައިނާގެ ޖައްވީ ސްޓޭޝަނަށް ފޮނުވާލި ރޮކެޓުގައި ހަރުކޮށްފައި ހުރި ބޫސްޓަރުވެސް ދުނިޔެއަށް ވެއްޓޭނެ ކަން، ޖައްވީ އިދާރާތަކުން އޮތީ ބުނެ އިންޒާރު ކޮށްފައެވެ. މި ރޮކެޓްގެ ބޫސްޓަރަކީ މިހާތަނަށް ދުނިޔެއަށް ވެއްޓުނު އެ ބާވަތުގެ 5 ބޫސްޓަރެއްގެ ތެރެއިން އެންމެ ބޮޑު އެއް ބޫސްޓަރެވެ. އޭގެ ބޮޑުމިން ކޮންޓެއިނާ އުފުލަން ގެންގުޅޭ 2 ޓެރެއިލާ ޓްރަކް ވަރު ވެއެވެ.

މި ބޫސްޓަރު ދުނިޔެއަށް ވެއްޓޭތީ ސަމާލުވުމަށް އަންގާފައި އޮތް އިރު، މީގެ ކުރިން ދުނިޔެއަށް ވެއްޓުނު މިފަދަ ބޫސްޓަރަކުން އާންމުން ދިރިއުޅޭ ވިލެޖަކަށް ގެއްލުންވެސް ވެފައި ވެއެވެ.