ވ. އާރަށް ކުއްޔަށް ދޭން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރުހުން ދެއްވާފައިވާ ނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ފުރަތަމަ ހުށަހެޅި ހެކިތަކުގެ ތެރެއިން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލު (އީވައިސީ)ގެ ބައްދަލުވުމުގެ ޔައުމިއްޔާއާ ގުޅޭ ގޮތުން ދިފާއީ ހެކިވެރިން ދެއްކި ވާހަކަތަކާމެދު ސުވާލު އުފައްދައި އެ ޔައުމިއްޔާގެ ސައްހަކަން ކަށަވަރުކުރުމަށް ހެކި ހުށަހަޅާފައެވެ. އެގޮތުން އެ ޔައުމިއްޔާގެ ނިންމުންތަކާ ގުޅިގެން ރައީސް ޔާމީނު ދެއްވި ނޯޓެއް ޝަރީއަތުން ހުށަހަޅާފައިވެއެވެ.

އީވައިސީގެ ނިންމުންތަކާ ގުޅޭ ގޮތުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހެކިބަސް ދެއްވަމުން ވިދާޅުވެފައިވަނީ އީވައިސީގެ ނިންމުމެއް ތަންފީޒުކުރަން ރައީސް ޔާމީން އެއްބަސްވެވަޑައިގަންނަވާނަމަ އެ ނިންމުމެއް އެންޑޯޒްކުރައްވައި ނޯޓުގައި ފާހަގައެއް ޖައްސަވާ ކަމަށެވެ. އީވައިސީގެ ނިންމުންތައް ރައީސް ޔާމީން އެންޑޯސްކުރައްވަނީ އެ ނިންމުގެ ކުރިމަތީގައި ފާހަގައެއް ޖައްސަވައިގެންކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުޖުތާޒުވެސް ހެކިބަސް ދެއްވިއެވެ.

ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ދައުލަތުން ހުށަހެޅި ޝީޓްގައި ތިން މަޝްރޫއެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ޝީޓަކީ އީޔައިސީގެ ނިންމުމަށް ޔާމީންގެ ރުހުން ދެއްވި ކަމަށް ބުނާ ޝީޓަށްވާއިރު އެ ޝީޓު އޮތް ގޮތުން ފުރަތަމަ ބަޔާންކޮށްފައިވާ ދެ މަޝްރޫއުގެ ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހާފައިވާއިރު އާރަށުގެ މަޝްރޫއު ބަޔާންކޮށްފައިވަނީ ތިންވަނަ ގޮޅީގައެވެ. އެ ގޮޅީގައި ރަނގަޅު ފާހަގައެއް ނެތް ކަމަށާއި އެއިން އަންގައިދެނީ އާރަށް ކުއްޔަށް ދޫކުރުމަށް ޔާމީން ރުހުން ދެއްވާފައި ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީންގެ މައްޗަށް ދައުވާ ކުރުމަށް ދައުލަތުން ދެން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަކީ އެ ރަށް ކުއްޔަށް ދޫކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއަށް ދިނުމަށް ސޮއިކުރި "އެގްރިމެންޓް ފޮ ލީޒް" އާއި އެމްއެމްޕީއާރުސީއާއި ޓޫޖީއާ ދެމެދު ސޮއިކުރި "ސޭލް އެންޑް ޕާޗޭސް އެގްރިމެންޓް" އާއި "އެސްއޭ އައިލެންޑް ރިސޯޓް" އަށް އެ ރިސޯޓްގެ ހިއްސާ ވިއްކަން ޓޫޖީއާ އެކު ވެފައިވާ އެއްބަސްވުން ވެސް ހިމެނެއެވެ. މި ހެކިތަކާ ގުޅިގެން ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވަނީ އެއިން އެއްވެސް އެއްބަސްވުމެއްގައި ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގައި ހިމެނޭ ވާގިއާތަކަށް ބާރުދޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.