ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ މާދަމާއިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

ހައި ކޯޓުން މިއަދު ބުނީ އެ ކޯޓުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު ފަނޑިޔާރު ޝުއައިބު މާދަމާ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށެވެ. އަދި އެ ކޯޓުން ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ޝުއައިބު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މާޗު 26، 2011 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝުއައިބު އައްޔަންކުރެއްވިއިރު ޝުއައިބު ވަނީ ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ގަތަރު ޔުނިވާސިޓީން 1997 ހާސިލްކުރައްވާފައެވެ. އަދި 2006 ވަނަ އަހަރު ޝުއައިބު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައެވެ.

ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވި ޝުއައިބު ވަނީ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ޝުއައިބު ވަނީ ހައި ކޯޓުގެ ހިންގުމާ މިދިޔަ 2020 ވަނަ އަހަރު ހަވާލުވެފައެވެ.