އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދެއްވާފައިވާ ލަފައަކީ ސިޔާސީ ލަފައެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ސަރުކާރަށް، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހާޝިމަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓު ދިރާސާކޮށް، ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރުމުގެ މަރުހަލާ މިއަދު ވަނީ ފަށާފައެވެ. ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ، ނަޝީދުގެ ވެރިކަމުގައި މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ހާޝިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ، އެމްއެމްއޭގެ ލަފާގައި "ހައިރާންވާން ޖެހޭ ކަމެއް، އާ ވާހަކައެއް ވެސް" ނެތް ކަމަށެވެ.
އެމްއެމްއޭ އިން ދީފައިވާ ލަފައާއި، ދައުލަތުގެ ބަޖެޓާ ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުންނަށް ވެސް ޝަރީފް ވަނީ ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާގެ މައްޗަށް ރިއާޔަތްކޮށް އެމްއެމްއޭގެ ލަފާގައި އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. އަދި މެންބަރުން ބަހުސްކުރެއްވި އިރު ވެސް އެކަމަށް ރިއާޔަތްކޮށްފަ އެއް ނެތެވެ.
އެއަށްފަހު، އޭނާ އަލިއަޅުވާލެއްވީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވި ބޮޑުތަދުގެ މައްޗަށެވެ. އަދި އޭރުގެ ހާލަތާއި، ކޮވިޑް-19 އާއި ރަޝިޔާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތާ އަޅާކިޔުއްވިއެވެ.
އެމްއެމްއޭގެ ލަފަޔަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، އިންފްލޭޝަން ރޭޓް 5.4 ޕަސެންޓަށް އިތުރުވުމަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ރަނގަޅު އަދަދެއް ކަމަށެވެ.
"ދުނިޔޭގަ އަޅުގަނޑުމެންގެ ސޯސް މާކެޓުތަކުގަ އިންފްލޭޝަން އެވަރެޖް 10 ޕަސެންޓު 11 ޕަސެންޓު 12 ޕަސެންޓު އޭރު، މި އަހަރު ނިމޭ އިރުގަ ވެސް މިހާރު ތިޔަ ވިދާޚުވާ އެމްއެމްއޭގެ ހިސާބުތަކުން ވެސް މި ބޭފުޅުން އަނބުރާ އަނބުރާ ވެސް ތިން ޕަސެންޓު އިތުރަކަށް ނުގެންދެވުނު. ހަމަ އެއާއެކީ އަންނަ އަހަރު 5.4 ޕަސެންޓުގަ ހުންނާނެ ކަމަށް، ދެން ވަރަށް ރަނގަޅު އަދަދެއް ދުނިޔޭގެ ނިސްބަތުން ބަލާއިރު." ޝަރީފް ވިދާޅުވިއެވެ
ސަރުކާރުގެ އެކި އިދާރާތަކާ އެކީ ބައްދަލުވުންތައް ބާއްވައި، ކަމާބެހޭ ފަރާތްތަކުގެ ލަފާ ވެސް ހޯދުމަށް ފަހު، ބަޖެޓް ދިރާސާކުރާ ކޮމިޓީން މިދިޔަ ހުކުރު ދުވަހު ފާސްކޮށްފައި ވަނީ އަންނަ އަހަރުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި އެމްއެމްއޭގެ ފަންނީ ލަފާ ކޮމިޓީން ހޯދާފައިވާއިރު، އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރާ ގޮތަށް ބަޖެޓުގައި އޮތުމުން، އެމްއެމްއޭ އިން ކަންބޮޑުވުންތަކެއް ފާޅުކުރިއެވެ. މަރުކަޒީ ބޭންކުން ދިން ލަފާގައިވާ ގޮތުން، ޓެކްސް ބޮޑުކުރުމުން ރާއްޖޭގެ އިންފްލޭޝަން ރޭޓް 5.4 ޕަސެންޓަށް އިތުރުވެ، ތަކެތީގެ އަގުތައް 2.2 ޕަސެންޓު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އޭގެ އިތުރުން، ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 4.4 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އަސަރުކުރާނެ ކަން ވެސް އެމްއެމްއޭ އިން ލަފާކޮށްފައިވެއެވެ. އަދި އިގްތިސޯދީ މަންފާ ބޮޑެތި މަޝްރޫއުތަކަށް އިސްކަންދީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް މަރުކަޒީ ބޭންކުން ލަފާދީފައިވެއެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެންބަރުން ސިފަކުރެއްވީ އެ ލަފަޔަކީ ސިޔާސީ ލަފައެއްގެ ގޮތުގައެވެ.